ހދ. ހަނިމާދޫން، ޢަލީ ޔާމީން (ވަން އޮންލައިން)

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ލަސްވެގެން އަންނަ ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ހަނިމާދޫއަށް މިއަދު ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަނިންމޭޓަކާ މެދު ގޮތެއް ނިންމާނީ މިރޭ މާލެ ވަޑައިގެން ނުވަތަ މާދަމާ ކަމަށެވެ. ރަނިންމޭޓުގެ މަގާމަށް އެ މަނިކުފާނުގެ ނައިބު ފައިސަލް ނަސީމުގެ ނަންވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު އަޅުގަނޑުގެ ފޯމު ސަބްމިޓް ކުރެވޭތޯ. އަދި އަޅުގަނޑު ފައިނަލް ޑިސިޝަނެއް ނުނަގަން. އަޅުގަނޑު އަތުގައި އެބަހުރި ނަންތަކެއް. އަޅުގަނޑު އެކަން ނިންމާނީ، އަޅުގަނޑުމެން އެންމެންގެ ތެރޭގައި މަޝްވަރާކުރުމަށްފަހު. (ނައިބު ރައީސް ފައިސަލް ނަސީމް) ފެނުމުގެ ފުރުސަތު އެބަ އޮތް. އެވެސް އެބަ އޮތް. އާ ބޭފުޅުންވެސް އެބަ ތިއްބެވި," ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވަނީ ކޯލިޝަނަކާއެކު ކަމަށްވުމުން ކޯލިޝަން ޕާޓީ ތަކާއެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މިރޭ މާލެ ވަޑައިގެން ކޯލިޝަން ޕާޓީ ތަކާއެކު ބާއްވަނީ ރަނިންމޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން ބާއްވާ އެންމެ ފަހު ބައްދަލުވުން ކަމަށްވެސް ވިދާޅުވިއެވެ.