ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސައިފިއެވެ.
އަލީ ވަހީދަކީ ކުރިން އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެ ޕާޓީގެ އަސާސީ ގަވާއިދުން ރައީސްގެ މަގާމުން އުވާލުމުން، އަލީ ވަހީދު ވަނީ އެ މަގާމުން ވަކިވެފައެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގާސިމު ވަނީ އަލީ ވަހީދު އެޑްވައިޒަރުކަމުގެ މަގާމަށް ހަމަޖެއްސިކަމުގެ ލިޔުން އޭނާއާ ހަވާލުކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި އިސްމާއީލް ޝުޖާ (ޗާންދަނީ) އަދި އިބްރާހީމް ޝުޖާއުވެސް ވަނީ ސްޕެޝަލް އެޑްވައިޒަރަކަށް ހަމަޖައްސައިފައެވެ.
ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި މިހާރުވެސް އަށް ބޭފުޅުން އެބަ ތިއްބެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު، ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހަސަން މަނިކު، ކުރީގެ ޔޫތް އެންޓް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް، ޑރ. އާމާލް އަލީ، ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަދި ވިލުފުށި ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށް، ދައުވާ އުފުލުމާ ގުޅިގެން އިނގިރޭސި ވިލާތުގައި ދެ އަހަރަށްވުރެ ގިނަ ދުވަހު އަރުވާލެވިގެން ހުންނެވުމަށްފަހު އަލީ ވަހީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގަތީ އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިއުމުންނާއި ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ޖަލު ހުކުމްވެސް އެ ކޯޓުން ބާތިލުކުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު