އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިއަދު ހެނދުނު 9:00 އަށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން މި މައްސަލަ ތާވަލް ކުރި ނަމަވެސް، ރައީސް ޔާމީންގެ ހާލަތު ބަޔާންކުރައްވައި، މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް އެދި ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލް ކުރީ، ހުސްވި ޖުލައި މަހުގެ 23 ހަށެވެ. ނަމަވެސް އެ ދައުވާގައި ހިމެނޭ ސަން ކުންފުނިތަކުގެ ވަކީލުން އެހެން ޝަރީއަތަކަށް ހާޒިރުވާން ޖެހޭތީ، އެދުވަހުގެ ޝަރީއަތް ވެސް ކެންސަލްކުރަން ޖެހުނެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.