އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ކެނޑިޑެސީ އިއްޔެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އިއްޔެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.
ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް މިއަދު ފަތިހު ރައީސް ޔާމީނުގެ ކެންޑިޑެސީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"މިއަދު މި ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތް. އިންޝާﷲ ހައްގަށް ނަސްރު ލިބިގެންދާނެ،" ޖަމީލް ވިދާޅުވިއެވެ.
އީސީން، ޔާމީންގެ ކެނޑިޑެސީ ބަލައިނުގަންނަން ނިންމީ ގާނޫނުއަސާސީގެ 110 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދަށުން އަދި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ރިއާޔަތް ކުރުމަށްފަހު އެމަނިކުފާނު ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި ބެލުމަށްފަހުއެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީ ކަމަށެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ގާނޫނު ބުނާގޮތުން އީސީއަށް ކެނޑިޑެންސީ ފޯމު ހުށަހަޅާތާ، 48 ގަޑިއިރު ހަމަވުމަށްފަހު، ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެއީ އީސީއަށް ފޯމު ހުށަހެޅުމުން އިސީން ޖަވާބުދޭން ޖެހޭ މުއްދަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވަނީ 48 ގަޑިއިރު ކަމަށްވާތީއެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ސުޕްރީމް ކޯޓަށް ގާނޫނު ލާޒިމު ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު