ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު ދެންމެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިއަހަރުގެ ފުރަތަމަ ރިޔާސީ ކެންޑިޑެސީ ފޯމުގެ ގޮތުގައި މި ފޯމު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގާ ހަވާލުކޮށްދެއްވީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޑް މުހައްމަދު ތޮލާލެވެ.

އިސީގެ ރައީސް މި ފޯމާ ހަވާލުވެވަޑައިގަތުމުން، ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، "ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި، އިދާރީގޮތުން ފޯމުގައި ފުރިހަމަވާންޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަވޭތޯ ޗެކް ކުރުމުގެ މަސއްކަތް މިހާރު ކުރިއަށް އެދަނީ، އޭގެ ފަހުގައި ގާނޫނީގޮތުން އިންތިހާބަށް ކުރިމަތިލުމާ މެދު ކޮމިޝަނުން ނިންމި ގޮތް 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ހުށަހެޅި ފަރާތަށް ގާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދޭންޖެހޭ،" ކަމަށެވެ.

ނަމަވެސް ގާނޫނުގައި އެ މުއްދަތު އޮތް ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނިންމާފައިވަނީ، އެ 48 ގަޑިއިރު އެގޮތަށް ނުނަގަން ކަމަށާއި، 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ކެންޑިޑެސީ ފޯމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާގޮތް އެ ފަރާތަށް އެންގުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވަނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 21 ވަނަ މާއްދާގައި އޮންނަ ގޮތުގެ މަތިން މި ގާނޫނުގެ 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގައި ބުނާ ހުރިހާ ތަކެތި ފޯމާ އެކީގައި ހުށހަަޅާފައި ހުރިތޯ ޔަގީން ކުރަން، އަދި ހަމައެއާއެކީގައި ރަސްމީ އިންތިހާބީ އެޖެންޓް ކަށަވަރުކޮށްދޭންޖެހޭ ކަމެެއް އެއާއެކީ ހުށހަަޅަންޖެހޭ ފައިސާވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅައި ނިންމާފައި އޮތްކަން، އޭގެ ފަހުގައި އިންތިހާބަށް ކުރިމަތިލާން އެދޭ މީހާގެ އިންތިހާބާ ބެހޭ ޝަތުރުތައް ފުރިހަމަވޭތޯ ނޫންތޯ ގާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުން ބަލާނެ، އެއީ އަޅުގަނޑުމެންގެ ލީގަލް ޓީމުގެ ފަރާތުން ފޯމުގެ މައުލޫމާތު ދިރާސާ ކުރުމަށްފަހުގައި ނިންމާ ގޮތެއްގެ މަތިން 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު އަރުވާނަން،"

ހަބީބު ވިދާޅުވީ، ފޯމާ މެދު އިލެކްޝަނުން ނިންމި ގޮތަކާ މެދު ހިތްހަމަ ޖެހޭ ފަރާތަކުންވެސް، އަދި ހިތްހަމަ ނުޖެހޭ ފަރާތަކުންވެސް، އެ މައްސަލަ ކޯޓަށް ހުށަހަޅަން ބޭނުން ނަމަ، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅެމުގެ ފުރުސަތު ކެންޑިޑޭޓަށް އެބައޮތް ކަމަށެވެ.

"ޗެލެންޖް ކުރުމުގެ ފުރިހަމަ ގާނޫނީ އިހުތިޔާރު ކެންޑިޑޭޓަށް ލިބިގެންވޭ، އިލެކްޝަންސްއަށް ފޯމު ހުށަހަޅާތާ 48 ހަމަވުމަށްފަހު، ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ، ހުށަހަޅުއްވާ ހާލަތަކަށް އަތުވެއްޖެއްޔާ، އަދި ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ސުޕްރީމް ކޯޓަށް ގާނޫނު ލާޒިމުކުރޭ،"

ހަބީބު ވިދާޅުވީ، މި ފޯމަކީ މި އިންތިހާބުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ފޯމު ކަމަށްވާތީ ފޯމުގެ ސައްހަކަން ކަށަވަރު ކުރާ އިރު، ލަސް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އެހެންކަމުން ކޮމިޝަންގެ ލީގަލް ޓީމުގެ ޖަވާބާއެކީ މިއަދުގެ ނިޔަލަށް މަސައްކަތް ނިންމައިލެވޭތޯ ކަށަވަތު ކުރަމުންދާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅި އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ ވ. އާރަށުގެ ކޮރަޕްޝަނާއި މަނީލޯންޑަރިން މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައެވެ.

އެކަމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވިދާނެ ކަމާމެދު ވަނީ ދެކަފި ސުވާލުތަކެއް އެކި ފަރާތްތަކުން އުފައްދައިފައެވެ.