އެމަނިކުފާނުގެ ދެވަނަ ދައުރު ނިންމާލާނީ ރާއްޖޭގެ އިގުތިސާދު 107 ބިލިއަން ރުފިޔާގެ އިގުތިސާދަކަށް ބަދަލުކުރައްވާފައި ކަމަށާއި ލޯނުތައް ވެސް ދައްކައި ނިންމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2028 ވަނަ އަހަރު އިގުތިސާދުގެ އަދަދު ލިޔެކިޔުމުން ފެންނަން އެބަހުރި ކަމަށާއި 2025 ވަނަ އަހަރު ރާއްޖެއަށް 2.4 ނުވަތަ 2.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އެއާއެކު ރާއްޖޭގެ އިގުތިސާދު 130 ބިލިއަން ރުފިޔާއަށް އިތުރުވެ، ދައުލަތުގެ އާމްދަނީ 44 ބިލިއަނަށް އަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"2028 ވަނަ އަހަރު އަޅުގަނޑު މި ދެންނެވީ އެ ސަބަބަށްޓަކައި ރާއްޖޭގެ މުޅި އިގުތިސާދު ދެގުނަވެ، 107 ބިލިއަން ރުފިޔާގެ އިގުތިސާދަކަށް ރާއްޖޭގެ ވިޔަފާރި ބަދަލުވެގެންދާނެ. ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ ރެވެނިއު 45 ބިލިއަން ކަނޑައްތުކޮށް، 50 ބިލިއަނާ ހިސާބަށް އަމާޒު ހިފައިގެން. މީގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންގެ އަތްމަތި ތަނަވަސްވެގެން ދިއުން، ފުދުންތެރި ރައްޔިތުންތަކެއް އުޅޭތަން ފެނުން. އަޅުގަނޑުމެން ރަށްރަށަށް ކުރަން ބޭނުންވެފައި ހުރި މަސައްކަތްތައް ކުރުމަށް ދައުލަތުގެ ފައިސާ ޖަމާވެފައި ހުރުން. މިއަދު ލޯނު ނަގައިގެން މިކުރާ މަސައްކަތަކީ އެއީ. 2026 ވަނަ އަހަރުގެ ފަހުން ލޯނު ދައްކާ ވަރަށް ދިވެހި ދައުލަތުގައި ހުންނާނެ ފައިސާ. އަޅުގަނޑުގެ ދެވަނަ ދައުރު އިރާދަކުރެއްވިއްޔާ ނިމިގެންދާނީ މި ދެންނެވި ލޯނު ދައްކަން އޮތް ބުރަ، ދެން އަންނަ ސަރުކާރަކަށް ނުޖައްސައި ހަމައަކަށް އަޅުވައިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދުގެ އަދަދަކީ 81 ބިލިއަން ރުފިޔާ ކަމަށާއި އެ އަހަރު 1.4 މިލިއަން ފަތުރުވެރިންނާއެކު ދައުލަތަށް 22 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ޖެހިގެން އައި ތިން އަހަރު އިގުތިސާދު ދަށަށް ދިޔަ ނަމަވެސް، މިއަހަރު ނިމޭ އިރުގައި ރާއްޖޭގެ އިގުތިސާދު 108 ބިލިއަން ރުފިޔާއަށް އަރައި، ދައުލަތުގެ އާމްދަނީ 34 ބިލިއަން ރުފިިޔާއަށް އިތުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިގުތިސާދެއް ބިޔަވެ، ފުޅާވެގެންދަނީ އެއްތަނުން އަނެއް ތަނަށް މީހުން ދިއުމާއި، އެއްތަނުން އަނެއް ތަނަށް ތަކެތި ގެންދިއުން ފަދަ ދަތުރުފަތުރުގެ ނިޒާމު ކަމަށާއި މި ސަރުކާރުން ފެށި އެއް ކަމަކީ އެއީ ކަމަށެވެ. އަދި އޭގެ ލާމަސީލު މިސާލެއް މިއަދު ބޮޑުތިލަދުންމަތިން ފެނިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އާރުޓީއެލްގެ ހިދުމަތް ފެށިގެން ކުރިއަށް އެދަނީ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން އެދަނީ. އަދި އޭގެ އިތުރުން މި އަތޮޅަށް ތަފާތު އެކިއެކި މަޝްރޫއުތައް އެބަ އާދޭ. މާލޭގައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 2025 ގައި އެބަ ނިމޭ. ނިމޭ އިރުގައި ހަތް މިލިއަން ޓުއަރިސްޓުންނަށް އެތަނަށް ކޭޓާ ކުރެވޭނެ. ހަނިމާދޫގައި މި އަޅާ އެއާޕޯޓާއި އައްޑޫ ސިޓީގައި އޮތް ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެސް 2025 ގައި މުޅިން ނިމި، އޮޕަރޭޝަނަށް އަންނާނެ. އަންނަ އިރުގައި، މި ދެ އެއާޕޯޓަށް އެކުގައި ތިން މިލިއަން ފަތުރުވެރިން ކޭޓާ ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިގުތިސާދު ދެގުނަ ކުރުމުގެ އަމާޒަކީ ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުކުރުން ކަމަށާއި ދިވެހި އިގުތިސާދުގެ ދިރުމަކީ ޓުއަރިޒަމް ކަމަށެވެ. އަދި އޭގެ ވަށައިގެން އުފެދޭ އެތައް އެތައް ކަންތައްތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު