ލުއިސް ސުއަރޭޒް

މެސީއާއެކު ރިޓަޔާކުރުމަކީ ދެކޭ ހުވަފެނެއް: ސުއަރޭޒް

އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު ރިޓަޔާކުރުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ބާސެލޯނާއަށް އެކުގައި ކުޅުނު މެސީ އާއި ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަދި ޑިފެންޑަރު ޔޯޑީ އަލްބާ ވަނީ އެމެރިކާގެ އިންޓަ މަޔާމީއާ ގުޅިފައެވެ. އިންޓަ މަޔާމީން އެ ކްލަބަށް ސުއަރޭޒް ވެސް ގެންދިއުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ސުއަރޭޒް ކުޅެމުންދާ ބްރެޒިލްގެ ގްރެމިއޯ އިން އޭނާ ދޫކޮށްލާފައި ނުވުމުން، އެ ޓްރާންސްފާ ކާމިޔާބުވެފައެއް ނުވެއެވެ.

"މެސީ އާއި އަހަރެންގެ ހުވަފެނަކަށްވީ އެކުގައި ރިޓަޔާކުރުން. އެއީ ބާސާގައި އަހަރެމެން ހޭދަކުރި ދުވަސްތަކުގައި ނިންމި ނިންމުމެއް. އެއަށްފަހު އަހަރެން އެތުލެޓިކޯ މެޑްރިޑާ ގުޅުނީ. އަދި މެސީ ވެސް ގުޅުނީ ޕީއެސްޖީއާ. އަހަރެމެން އެމެރިކާއަށް ބަދަލުވުމާ ގުޅޭގޮތުން ވެސް ވާހަކަދެއްކިން. އެކަމަކު އޭރު އެކަން ހަމަޖެހިފައެއް ނުވޭ. މިހާރު އޭނާ އެ ވަނީ އެމެރިކާއަށް ގޮސްފައި،" އުރުގުއާއީގެ ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 32 އަހަރުގެ ސުއަރޭޒް ބުންޏެވެ.

ފިޓްނަސް މައްސަލަތަކާ ގުޅިގެން ސުއަރޭޒް ވަނީ ގްރެމިއޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުގެ ކުރިން އަންނަ ޑިސެމްބަރު މަހު އެ ކޮންޓްރެކްޓް އުވާލުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ސުއަރޭޒްގެ އެ ނިންމުން ނިންމާފައިވަނީ އޭނާގެ ކަކުލުގެ އަނިޔާތަކެއް ހުރުމުން އިތުރަށް ކުޅުން ކުރިއަށް ނުގެންދެވިދާނެތީއެވެ.

ގްރެމިއޯގެ ކޮންޓްރެކްޓް އުވާލުމަށްފަހު އަންނަ ސީޒަނުގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގައި އިންޓަ މަޔާމީން މެސީއާއެކު ސުއަރޭޒް ފެނުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ކަކުލުގެ އަނިޔާ ގޯސްވެއްޖެ ނަމަ، ސުއަރޭޒް ރިޓަޔާކުރުން ގާތެވެ.