އުރުގުއާއީ ގައުމީ ޓީމުން ބޭނުންވާނަމަ، ރިޓަޔާމެންޓަށް ނިންމި ނިންމި ބަދަލުކޮށް އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް އިންޓަ މިއާމީއަށް ކުޅެމުން އަންނަ ފޯވަޑް، ލުއިސް ޝުއަރޭޒް ބުނެފިއެވެ.

އުމުރުން 39 އަހަރުގެ ޝުއަރޭޒް ގައުމީ ޓީމުން ރިޓަޔާކޮށްފައި ވަނީ 2024 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ. އޭނާއަކީ އަދިވެސް އެގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ. އެއީ 143 މެޗުން 69 ގޯލް ޖަހައިގެންނެވެ.

ޝުއަރޭޒް ގައުމީ ޓީމަށް ދުރަށް ޖެހިލީ އުރުގުއާއީގެ ކޯޗު މާސެލޯ ބިއެލްސާގެ މެނޭޖުމަންޓް ސްޓައިލާމެދު ސުވާލުތަކެއް އުފައްދައިފައެވެ. އޭނާ އެފަހަރު ަބުނީ ބިއެލްސާގެ ސްޓައިލުން ޓީމު ތެރޭގައި މައްސަލަ ގޯސްވެ، ބައިބައިވުން އުފެދޭ ކަމަށެވެ. ޝުއަރޭޒް ވަނީ އެ ވާހަކަތަކަށް ފަހުން މައާފަށް އެދިފައެވެ.

"ގައުމީ ޓީމުން އަހަރެން ބޭނުންވާނަމަ އެއްވެސް ހާލެއްގައި ނޫނެކޭ ނުބުނާނަން. ހާއްސަކޮށް ވޯލްޑް ކަޕަކަށް ކުޅެން ނޫނެކޭ ނުބުނާނަން. އަހަރެން ގައުމީ ޓީމުން ދުރަށް ޖެހިލީ ޒުވާން ޖީލަށް ފުރުސަތު ދޭން ވެގެން. އަދި އޭރު ބުނަންވެސް ބުނެވުނު ބުނަން ބޭނުންނުވާ ބައެއް ވާހަކަތައްވެސް. އަހަރެން އެކަމަށް މައާފަށްވެސް އެދިފިން،" ޝުއަރޭޒް ބުންޏެވެ.

ޝުއަރޭޒް ބުނީ ކުރިއާ އެއްވަރަށް ނުކުޅެވުނު ނަމަވެސް، އަދިވެސް ވާދަވެރިކަމުގެ ރޫހު އެބަހުރި ކަމަށާއި، އުމުރަކާ އެކަމާ ގުޅުމެއް ނެތް ކަމަށެވެ.

ޝުއަރޭޒް ވަނީ މީގެ ކުރިން ހަތަރު ވޯލްޑް ކަޕެއްގައި އުރުގުއާއީއަށް ކުޅެފައެވެ. އަދި އެގައުމާއެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާވެސް ހޯދާފައިވެއެވެ.