އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ ފޯވަޑް ލުއިސް ސުއަރޭޒް، އުރުގުއާއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ނިންމައިފިއެވެ.
ގައުމީ ޓީމުން ރިޓަޔާކުރާނެކަން ސުއަރޭޒް އިއުލާންކޮށްފައިވާ އިރު، އޭނާއަކީ އުރުގުއާއީ ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އުރުގުއާއީގެ ގައުމީ ޖާޒީގައި އޭނާ ވަނީ 142 މެޗުން 69 ގޯލު ކާމިޔާބުކޮށްފައެވެ.
އުރުގުއާއީގެ ޖާޒީގައި ސުއަރޭޒް ފެނިގެންދާނެ އެންމެ ފަހު މެޗަކަށް ވެގެންދާނީ އަންނަ ހުކުރު ދުވަހު ޕެރަގުއާއީއާ ދެކޮޅަށް އުރުގުއާއީ އިން ކުޅޭ ވޯލްޑް ކަޕް ކޮލިފައިންގެ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އުރުގުއާއީ ގައުމީ ޓީމުގެ ރަސްމީ ދަނޑު އެސްޓާޑިއޯ ސެންޓެނާރިއޯގައެވެ.
ރިޓަޔާމަންޓް އިއުލާންކުރަމުން "ދަ އެތުލެޓިކް" އަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނީ ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު އަރާމުކުރަން ވަގުތު ބޭނުންވާ ކަމަށާއި ގައުމީ ޓީމާއެކު އެންމެ ފަހު މެޗު ވެސް ކުޅޭނީ 2007 ވަނަ އަހަރު ކުޅުނު ފުރަތަމަ މެޗެކޭ އެއްގޮތަށް އެ ޝައުގުވެރިކަމާއެކު ކަމަށެވެ.
"އަހަރެން މިކަމާ ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އަހަރެން ގަބޫލުކުރަނީ ގައުމީ ޓީމުން ރިޓަޔާކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް،" އޭނާ ބުންޏެވެ.
ސުއަރޭޒް ހިމެނިގެން ގޮސްފައިވަނީ އުރުގުއާއީގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައެވެ. އެގޮތުން ވޯލްޑް ކަޕް 2010 ގައި އޭނާގެ ވިދުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.
އެ މުބާރާތުގައި ގާނާއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލު މެޗުގައި ސުއަރޭޒަށް ރަތް ކާޑެއް ދެއްކި ނަމަވެސް، އޭނާ ފާހަގަވެގެންދިޔައީ "ހީރޯ" އެއްގެ ގޮތުގައެވެ. އެ މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި ސުއަރޭޒް އަތްލުމުން ރަތް ކާޑަކާއެކު ގާނާއަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ގާނާގެ އަސަމޮއާ ޖިޔާން ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އުރުގުއާއީ އިން ގާނާ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މުބާރާތުން އުރުގުއާއީ ކެޓީ ސެމީ ފައިނަލުގައި ނެދަލެންޑްސް އަތުން ބަލިވުމުންނެވެ.
އޭގެ ފަހުން 2011 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގައި ވެސް ސުއަރޭޒް ވިދާލިއެވެ. ފައިނަލުގައި ޕެރަގުއާއީ ބަލިކޮށް، އުރުގުއާއީ އިން ޗެމްޕިއަންކަން ހޯދި އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ސުއަރޭޒެވެ.
ސުއަރޭޒަކީ ފުޓުބޯޅައިގެ ތާރީހުގައި ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ ވޯލްޑް ކަޕްގައި ކުޅުނު 38 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2010، 2014، 2018 އަދި 2022 ގެ ވޯލްޑް ކަޕްގައި ވެސް ކުޅެފައެވެ.
ސުއަރޭޒަކީ ކްލަބު ކެރިއަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ލިވަޕޫލުން ވިދާލުމަށްފަހު އޭނާ ވަނީ ބާސެލޯނާގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި 2021 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ސުއަރޭޒެވެ. މިއަހަރުން ފެށިގެން އޭނާ ކުޅެމުންދަނީ މެސީއާއެކު އެމެރިކާގެ އިންޓަ މަޔާމީއަށެވެ.
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް