ފުވައްމުލަކު ސިޓީ އިން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
މި ސިޓީގައި މިރޭ ކުރިއަށްގެންދިޔަ އެމްޑީޕީގެ އުފާވެރި އަމާން ރާއްޖެ ޖަލްސާ ނިންމާލި ވަގުތު އެ ސަރަހައްދުގައި ތިބި އެސްއޯ ފުލުުހުންނާ ދިމާލަށް ގާ އުކައި ހަމަނުޖެހުން ހިންގައިފިއެވެ.
މައިލޯ ސްޓޭޑިއަމްގައި މިރޭ ކުރިއަށްދިޔަ އެމްޑީޕީ ކެމްޕެއިން ބޮޑު ޖަލްސާ ކުރިއަށްދިޔަ ވަގުތު އިދިކޮޅު ޕީޕީއެމުން އެސަރަހައްދަށް އެއްވެ، ދިޔައީ އަޑުގަދަކުރަމުންނެވެ. ޖަލްސާ ކުރިއަށްދިޔަ އިރު ސްޓޭޑިއަމް ކައިރިން ބޮޑު ސަރަހައްދެއް ބަންދުކޮށްފައިވާ އިރު، ޖަލްސާ ނިމުނު ވަގުތު އެ ސަރަަހައްދުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި އެސް އޯ ފުލުހުންނާ ދިމާލަށް ގާއުކައި ހަމަނުޖެހުން ހިންގާފައިވާ އިރު، ތިން މީހަކަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލަށްވެސް ވަނީ ގެންގޮސްފައެވެ.
ފުލުހުންނާ ދިމާލަށް ގާއުކާފައި ވަނީ އެސަރަހައްދުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ތިބި ބައެކެވެ. ފުލުހުން، އެމީހުންނާ ކުރިމަތިލުމަށް އެ ކެފޭއަށް ވަނުމުން ކެފޭގައި ތިބި ގޮނޑިތައްވެސް ފުލުުހުންނާ ދިމާލަށް ވަނީ އުކައިފައެވެ.
ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކުރިކަމެއް ޔަގީނެއް ނޫނެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވި ގޮތުގައި މިރޭގެ އެ ހާދިސާގައި ދެ ފުލުހަކަށާއި އާއްމު މީހަކަށް އަނިޔާވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް މިއަދު މިރަށަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން ވަނީ އެއާޕޯޓް ސަރަހައްދުގައިވެސް މުޒާހަރާ ކޮށްފައެވެ. ރައީސް ވަޑައިގަންނަވާތީ އެއާޕޯޓު ކައިރިން ބޮޑު ސަރަހައްދެއްވެސް އޮތީ ބަންދުކޮށްފައެވެ.
ނަމަވެސް ރައީސް ވަޑައިގެންނެވި ވަގުތު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ކައިރިއަށް އެއްވެ، އަޑު އުފުލައިފައެވެ. އަދި ބެރިކޭޑް ފަޅާލައި ބަންދުކޮށްފައި އޮތް ސަރަހައްދަށް ވަންނަން މަސައްކަތް ކުރި ބައެއް މީހުން ހުއްޓުވުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ދެ މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު