ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ރަނިން މޭޓު ކަމަށް ޕީޕީއެމުން ބޭފުޅެއްގެ ނަން ހުށަހެޅުމަށް ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދައުވަތު ދެއްވައިފިއެވެ.

ނަޝީދު އެ ދައުވަތު ދެއްވި އިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި އެ މަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސާފައިވާކަން އެ ޕާޓީން މިއަދު ވަނީ އިއުލާންކޮށްފައެވެ.

އިލްޔާސް އާއެކު އައްޑޫއަށް ކުރައްވަމުން ގެންދާ ކެމްޕެއިން ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ ގޮތް ނުވެފައިވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ފައިދާ ހުރި ހެޔޮވެރިކަމެއް ކުރުމަށާއި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެ، ތަނަވަސްކަން އިތުރުކުރުމަކީ ޔާމީންގެ ހިޔާލުފުޅާއި ޕީޕީއެމްގެ ލީޑަރުންގެ ހިޔާލު ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ޕީޕީއެމްގެ ލޮބުވެތި މެމްބަރުންގެ ކިބައިން އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރުންގެ ކިބައިން ވަރަށް އިހުލާސްތެރިކަމާ އެކު އެދެން އިލްޔާސް ލަބީބުގެ ރަނިން މޭޓެއްގެ ގޮތުގައި ތިބޭފުޅުންގެ ބޭފުޅަކު ހުށަހެޅުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފައި ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވި އިރު، އިލްޔާސްގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކުރިއެވެ.