ފުވައްމުލަކު ސިޓީން، މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)

އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ މި ސިޓީގެ އެއާޕޯޓުގެ ރަންވޭ އާއި ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށާއި އެ ސިޓީގައި ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުގެ އޮފީސް ކޮމްޕްލެކްސް އެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން ޖެހިިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަށް މި ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި މި ސިޓީގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކާ އަޅައި ބަލާއިރު ފުވައްމުލަކަކީ މުޅިން ތަފާތު، ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށެވެ. އަދި މި ރަށަކީ ދިރުން އޮތް ރަށެއް ކަމަށާއި ރާއްޖެ މިހާރު މިދެކޭ ތަރައްގީގައި ވެސް މިރަށުގެ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މިރަށުގެ ތަރައްގީއަށް މަޝްރޫއުތައް ހިންގާފައިވާ ގޮތުން މިރަށަށް ބޭނުންވާ ދިރުން ގެނުވިފައި ނުވާ ކަމަށެވެ.

"މައްސަލައަކަށް ވަނީ ފަހަރަކު ކަމެއް މަޑުމަޑުން ކުރުމުގެ ސަބަބުން މިރަށް ބޭނުންވާ ދިރުން ގެނެވުން ލަސްވެފައި އޮތްކަން" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ފާއިތުވި ފަސް އަަހަރު މި ސިޓީގައި ކުރިއަށްގެންގޮސްފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ، މި ސިޓީއަށް އިތުރު ދިރުން ގެނުވާނެ މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ. އެގޮތުން ގައުމީ އެއާލައިނުގައި މިހާރު ބޭނުންކުރަމުން އަންނަ އޭޓީއާރު އެއާކްރާފްޓު ޖެއްސޭ ވަރަށް މި ސިޓީގެ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި މިސިޓީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ ދިރާސާތައް ޕްލޭނިން މިނިސްޓްރީން މިހާރުވެސް ކުރަމުންދާ ކަމަށާއި އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ބަނދަރު ބޮޑުވެގެންދާތަން އެ ސިޓީގެ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސިޓީގައި 50 އެނދުގެ އާ ހޮސްޕިޓެއް ގާއިމުކުރައްވާނެ ކަމަށާއި އެ ހޮސްޕިޓަލަކީ ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގޮތުގައި ހައްދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ރަށުގައި ދެން އިތުރަށް ހޮސްޕިޓަލުގެ ހިދުމަތް މިޔަށްވުރެ ރަނގަޅުކުރަން އެބަޖެހޭ. އަޅުގަނޑުމެން މިރަށުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅައި އެ ހޮސްޕިޓަލަކީ ކުޑަކުދިންނަށް ހާއްސަ ތަނެއް ގޮތުގައި އެތަން ސްޕެޝަލައިޒް ކުރާނެ ވާހަކަވެސް ދަންނަވާލަން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފާއިތުވި ފަސް އަހަރު ތެރޭ މިސިޓީގައި ސަރުކާރުން ހިންގަން ރާވާފައިވާ ބައެއް މަޝްރޫއުތައް އެކި ސަބަބުތަކާ ހެދި ލަސްވެފައިވާ ކަމަށާއި އޭގެ ބައެއް މަޝްރޫއުތައް މިހާރުވެސް ހުރީ ޓެންޑަރިން މަރުހަލާގައި ކަަމަށެވެ. އެގޮތުން ލަސްވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ސިންތެޓިކް ޓްރެކެއް ހެދުމާއި ރަށުގެ ސްޓޭޑިއަމް އެއް ގާއިމުކުރުމާއި ދަނޑުގެ މަސައްކަތްވެސް ދެވަނަ ދައުރެއްގައި ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޒުވާނުންނަށް އެ ސިޓީގައި ތިިބެގެން އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރު އޮފީސްތަކުގެ، އޮފީސް ކޮމްޕެލްސް އެއްވެސް އަޅުއްވައިދެއްވާނެ ކަމަށާއި ރަށުގެ މަގު ހެދުމުގެ މަޝްރޫއުވެސް އެއްކޮށް ނިންމަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސިޓީގައި ކުރިއަށް ގެންދިޔުމަށް ޕްލޭންކޮށްފައި ހުރި މަޝްރޫއުތަކާއި މިހާރު ފަށައިގެން ކުރިއަށްގެންދާ މަޝްރޫއުތައް ނިމޭއިރު ދައުލަތުގެ ބަޖެޓުން ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.