ފުވައްމުލަކު ސިޓީން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި މި ސިޓީގެ ދޫޑިގަން ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވައިފިއެވެ.
ފުވައްމުލަކު ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ދޫޑިގަން ފުޓުބޯޅަދަނޑު ހުޅުވައިދެއްވީ މި ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ މި ދަތުރުފުޅަކީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ފުވައްމުލަކު ސްކޫލުގައި އަލަށް އިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލަކީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ދިރާސީ އާ އަހަރު އަންނަ މަހު ފަށާއިރު އެ އިމާރާތް ބޭނުންކުރަން ފަށާނެއެވެ. ރައީސް މިއަދު ހުޅުވައިދެއްވި ދޫޑިގަން އަވަށުގެ ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ ފުނާޑު އަވަށުގައި ހުންނަ އެމްޑީއޭ ޕޮލިޓިކަލް ސެންޓަރުވެސް މިއަދު ހުޅުވައިދެއްވައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މާދަމާ އަދާލަތު ޕާޓީގެ ކެމްޕެއިން ޖަގަހައާއި ހޯމް ސޯލާ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު