މާޒިޔާ ސްޕޯޓްްސް އެންޑް ރެކްރިއޭޝަން ކްލަބު އިތުރަށް ވަރުގަދަކުރުމުގެ ގޮތުގައި އެ ކްލަބަށް ސާބިއާ ފޯވަޑެއް ގެނެސްފިއެވެ.
މާޒިޔާ އިން މިއަދު ވަނީ އުމުރުން 27 އަހަރުގެ ވޮޖިސްލާވް ބަލަބަނޮވިޗް، އެ ކްލަބަށް ސޮއިކޮށްފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އޭނާ އެ ކްލަބަށް ސޮއިކޮށްފައިވަނީ މިސީޒަނުގެ ނިޔަލަށެވެ.
މާޒިޔާގެ 23 ނަމްބަރު ޖާޒީގައި ފެނިގެންދާ ބަލަބަނޮވިޗް ވަނީ ސާބިއާގެ ކްލަބުތަކަށް ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ސާބިއާގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އާރްއެފްކޭ ނޯވީ ސާޑް އަށެވެ.
މިސީޒަނުގައި ވެސް މާޒިޔާ ފެނިގެންދަނީ ބިދޭސީ ކުޅުންތެރިންނާއެކު ވަރުގަދަ ސްކޮޑަކާއެކުއެވެ. ބިދޭސީ ކުޅުންތެރިންގެ އިތުރުން އެ ސްކޮޑުގައި ގިނަ އަދަދެއްގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ހިމެނެއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ)، ކީޕަރު ފައިސަލް މުހައްމަދު، ހުސައިން ނިހާން (ނިހާޓް)، ނާއިޒް ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، އަހުމަދު ނޫމާން (ހެލްމެޓް)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އިރުފާން (އިރޭ)، ހަސަން ޝިފާޒް (ޑުންގާ) އަދި ކީޕަރު ހުސައިން ޝަރީފް ފާހަގަކޮށްލެވެއެވެ.
މާޒިޔާގެ ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތްކުރަމުންދަނީ ބޮސްނިއާގެ ކޯޗެއް ކަމަށްވާ މިލޮމީރު ސެސްލީޖާ (މިލޯ) އެވެ. އޭނާއަކީ މިސީޒަނުގައި މާޒިޔާއާ ހަވާލުވި ދެވަނަ ކޯޗެވެ. މީގެ ކުރިން ހުރި އިވާން ވެންކޯވް ކޮލޭވް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށްފަހު، ކޯޗަކަށް މިލޯ ހަމަޖައްސާފައިވަނީ މިމަހުގެ ކުރީކޮޅެވެ.
މިސީޒަނުގައި މިހާތަނަށް މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ހޯދާފައިވާ އިރު، ދިވެހި ޕްރިމިއާ ލީގުގައި ވެސް މިވަގުތު އެ ކްލަބު އޮތީ އެއްވަނައިގައެވެ.