ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ހުޅުމާލޭގައި ބާއްވާ މިނިވަން އުފާ ކާނިވަލް 2023 މާދަމާ ފެށުމަށް ނިންމައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ މި ކާނިވަލް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ ކާނިވަލަށް ކަމަށާއި ކާނިވަލް ބޭއްވުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ސެންޓްރަލް ޕާކުގައި ބާއްވާ މި ކާނިވަލް މާދަމާ އިން ފެށިގެން 3 އޮގަސްޓް 2023 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި ކާނިވަލުގައި އާންމުންނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ބުންޏެވެ.
މިގޮތުން، ކާނިވަލުގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި ގޭމް ސްޓޯލުތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓުތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނއެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަ ޓެގްގެ ހަރަކާތްތައްވެސް ހިމެނިފައިވެއެވެ.
އާބަންކޯ އިން ބުނީ މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކަމަށެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާ އިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯނެއް ވެސް ޕާކުގައި ހުންނާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ކާނިވަލަށް ހިލޭ ވެދެވޭއިރު ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކިއުއާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓާ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއެކު އިންޑަނޭޝިއާގެ ބާލީއަށް ހަތް ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާއެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމުގެ ގޮތުން، މިއަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ، މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ވެސް ޒިޔާރަތް ކުރަން ޖެހޭ ތަނަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު