މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޭސްއާ ގުޅިގެން ބެލި ބެލުމުން އެނގިފައިވަނީ އޭނާއަށް ބަލިޖެހިފައިވަނީ ރާއްޖެއިން ބޭރުން (އިމްޕޯޓަޑް ކޭސް) އެއް ކަމަށެވެ. އަދި ބަލި ޖެހުނު މީހާގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި މިވަގުތު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެ އެޖެންސީން ބުނި ގޮތުގައި ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ފުރިހަަމަ ކޮށްފައިވާ މީހެކެވެ.
ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައިވުމުން ބަލި ޖެހުމުގެ ރިސްކު 97 ޕަސެންޓް ކުޑަކޮށްދޭ ނަމަވެސް ހިމަބިއްސަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލިކަމަށްވުމާ އެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެ ނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ، ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވުމާއެކު ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި، އޭގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދީފައިވާ ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން އިތުރަށް ބުނީ، ބަލި ޖެހިފައިވާ މީހުން އެހެން މީހުންނަށް ބެލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި އެ މީހާ ދަތުރުކޮށްފައިވާ ކަމަށެވެ. އަދި ދަތުރުމަތީގައާއި ގެއާއި ހޮސްޕިޓަލުގައި އޭނާއާ ކޮންޓެކްޓުވި މީހުންގެ މައުލޫމާތު މިހާރު އެއްކުރެވިފައިވާ ކަމަށާއި އެ މީހުން ދެނެގަނެ، އެ މީހުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދީ، އޭގެ ތެރެއިން ހިމަބިހި ވެކްސިންގެ ޑޯޒުތައް ފުރިހަމަނުވެ ތިބި މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު