މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބާއްވަން އުޅުއްވި ނިއުސް ކޮންފަރެންސް ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ.
މިއަދު މެންދުރުފަހު 2:30ގައި ބާއްވަން އޮތް ނިއުސް ކޮންފަރެންސް ކެންސަލް ކުރިކަން އެންގީ ބައިގަޑިއިރަށް ކައިރިވެފައި ވަނިކޮށެވެ. މިއަަދުގެ ނިއުސް ކޮންފަރެންސް ބާއްވާ ގޮތަށް އޮތީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން "ވަން" އިން މުއިއްޒަށް ގުޅުމުން ފޯނު ނުނަންގަވާތީ އެކަމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "ވަން" އަށް ވިދާޅުވީ، މުއިއްޒު ބާއްވަން އުޅުއްވި ނިއުސް ކޮންފަރެންސަކީ މާލޭ ސިޓީ ކައުންސިލާ ބެހޭ ނިއުސް ކޮންފަރެންސެއް ނޫން ކަމަށެވެ. އެއީ މުއިއްޒު އަމިއްލަ ހައިސިއްޔަތުން ބާއްވަން ނިންމެވި ނިއުސް ކޮންފަރެންސެއް ކަމަށާއި އެ ނިއުސް ކޮންފަރެންސް ކެންސަލް ކުރީ ނޫން ކަމަށާއި ފަހުގެ ތާރީހަކަށް ލަސްކުރީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، މުއިއްޒު ބާއްވަން އުޅުއްވި ޕްރެސް ކޮންފަރެންސަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެދިވަޑައިގަތުމަކަށް ބާއްވަން އުޅުނު ނިއުސް ކޮންފަރެންސެއް ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ކައުންސިލްގެ މެޖޯރިޓީ ހޯއްދަވައިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުތުމަށް މުއިއްޒު މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ޕީޕީއެމްގެ ބައެއް ބޭފުޅުން ކުރެއެވެ. ނަމަވެސް މުއިއްޒު ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.
މުއިއްޒު މިއަދު ނިއުސް ކޮންފަރެންސެއް ބާއްވަން ނިންމެވި އިރު، ޔާމީންގެ ރަނިންމޭޓެއް ކަނޑައެޅުމުގެ ބާރު ވަނީ އެ މަނިކުފާނަށް ދޫކޮށްލައިފައެވެ.
ވ. އާރަށޫގެ މައްސަލައިގައި، 11 އަހރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފިޒު ކުރައްވަމުން ގެންދެވި ނަމަވެސް، ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާނީ އެމަނިކުފާނުކަމަށާއި، އެހެން ބޭފުޅަކަށް ޓިކެޓް ބަދަލު ނުކުރާނެ ކަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުން ސަ،ލާމަތް ނުވެއްޖެނަމަ ރިޔާސީ އިންތިހާޞުގައި ވާދަ ކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު