ރައީސުލްޖުމްހޫރިއްޔާ، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި ހުންނެވި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއަށް އަރުވައިފިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ ޝަރަފް ޑރ. މުސްތަފާ ލުތުފީއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އޮފީހުން ބުނީ، އޭނާއަށް މި ލަގަބު އެރުވީ ޑރ. މުއްތަފާ ލުތުފީއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅަކަށް ވުމާއި ރާއްޖެ މިއަދު މި ދެކޭ ތައުލީމީ ނިޒާމު ބައްޓަން ކުރެއްވުމާއި މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތަކާއި ތައުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.

ޑރ. މުސްތަފާ ލުތުފީ ވަނީ ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައެވެ. އޭނާ ކުރެއްވި ހިދުމަތްތަކުގެ ތެރެއިން އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޓީޗާ އެޑިއުކޭޓަރެއްގެ ގޮތުގައި 31 ޖަނަވަރީ 1977ގައި ފެއްޓެވި ހިދުމަތުގެ ތެރެއިން ކިޔަވައިދިނުމަށް މީހުން ބުނާ ކުރެއްވުމުގައި އަމަލީ ގޮތުން އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ.

އަދި ތާނަ ޓައިޕްރައިޓަރު އުފެއްދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރާއްޖޭގައި އޭރު ނުކުންނަ ނޫސްތަކާއި މަޖައްލާތަކާއި ފޮތްތަކުގައި ލިޔެފައި ހުންނަ އެކި ލިޔުންތަކާއި މަޒުމޫންތަކުގައި ބޭނުންކޮށްފައި ހުންނަ އަކުރުތަކުގެ އަދަދުތަކާއި އެންމެ ގިނައިން ބޭނުންކޮށްފައި ހުންނަ އަކުރަކީ ކޮބައިތޯ ބެއްލެވުމަށް ކުރެއްވި މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ.

އޭގެފަހުން އެހެން ދެ ބޭފުޅަކާ އެކީގައި މުސްތަފާ ކުރެއްްވި މުހިންމު އަނެއް މަސައްކަތަކީ، ރާއްޖޭގައި މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތެވެ. ފުރަތަމަ އެ މަސައްކަތް ފެއްޓެވީ ދިވެހި މީޑިއަމަށް ކިޔަވައިދޭ ގޮތަށެވެ. އޭގެފަހުން އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތައް އުފެއްދުމުވުގެ މަސައްކަތް ސަރުކާރުން ފަށައި އެންމެ ފުރަތަމަ ހުޅުވި، ބ. އަތޮޅު ކޮމިއުނިޓީ ސްކޫލުގައި އެންމެ ފުރަތަމަ ފިލާވަޅު ނަގައިދިނުމުގެ ޝަރަފުވެސް ލިބިވަޑަިއގެންފައިވަނީ ޑރ. މުސްތަފާ އަށެވެ.

އޭގެ ފަހުން ބ. އޭދަފުށީ އަތޮޅު ތައުލީމީ މަރުކަޒާއި ހދ. ކުުދުއްފުށީ އަތޮޅު ތައުލީމީ މަރުކަޒާއި ރ. މީދޫ އަތޮޅު ތައުލީމީ މަރުކަޒާއި ޅ. ހިންނަވަރު އަތޮޅު ތައުލީމީ މަރުކަޒުގައި ހެޑްމާސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި ކުދިންނަށް ކިޔަވައިދެއްވިއެވެ. ރަށްރަށުގެ ކޮމިއުނިޓީ ސްކޫލުތައް އަތޮޅު މަދަރުސާތަކަށް ބަދަލުކުރުމުގައިވެސް ޑރ. މުސްތަފާ ވަނީ މުހިންމު ދައުރެއް އަދާ ކުރައްވައިފައެވެ.

އޭގެ އިތުރުން މުދައްރިސުންގެ ތައުލީމީ މަރުކަޒާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިީގައި ކިޔަވައި ދެއްވުމުގެ އިތުރުން، ތައުލީމާބެހޭ މަޝްވަރާ ކޮމިޓީއާއި އޭރު ކޮންމެ 10 އަހަރަކުން އެއްއަހަރު އެކުލަވާލާ ރާއްޖޭގެ ތައުލީމީ ދާއިރާގެ މާސްޓާޕްލޭން އެކުލަވާލުމާބެހޭ ފަންނީ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ޑރ. މުސްތަފާ މަސައްކަތް ކުރެއްވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގެ ތައުލީމީ ވަޒީރަކަށް ހުންނެވި އިރު، ސްކޫލް މަންހަޖު ރިވައިޒްކޮށް ހުރިހާ ސްކޫލުތައް އެއްދަންފަޅިއަކަށް ބަދަލުކޮށް ވަށާޖެހޭ ތައުލީމެއް ދިނުމަށް އިސް ދައުރެއް ފެއްޓެވީވެސް ޑރ. މުސްތަފާއެވެ.

އޮސްޓްރޭލިޔާގެ ޔުނިވާސިިއަކުން 2004 ވަނަ އަހަރު ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. މުސްތަފާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރުކަމާއި ރައީސް މައުމޫން އަބްދުލްގައްޔޫގެ ކެބިނެޓުގެ ޓޫރިޒަމް މިނިސްޓަރުކަމާއި ފޯއްމުލަކު އަތޮޅުވެރިިކަން ހިމެނެއެވެ.