ރާއްޖޭގެ މިނިވަންކަމުގެ މިއަދުގެ ރަމްޒަކީ ސަރުކާރުން ދުނިޔޭގެ ގައުމުތަކާ އެކު ބާއްވަމުން އަންނަ ސުލްހަވެރި ގުޅުން ކަމުގައި ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިމްރާން ވިދާޅުވީ، ގިނަ ފަހަރަށް މިނިވަންކަމުގެ އިހުސާސް ކުރެވެނީ އެ މިނިވަންކަން ގެއްލި ދިއުމުން ކަމަށެވެ. އަދި އެއް އިންސާނަކު އަނެއް އިންސާނަަށް އަޅުވެތިވުމަށް ވުރެ ބޮޑު އަޅުވެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ރާއްޖެއަށް މިނިވަންކަން ހޯދައި ދިނީ ދިވެހީން ކަމަށާއި ރާއްޖެއަށް މިނިވަންކަން ހޯދައިދިން އަބުތޯލުންގެ ހަނދާން އަބަދުވެސް އާކުރަންޖެހޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިނިވަންކަމަކީ އާބާދީއާއި ބިމުގެ ބޮޑުބިނާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.
"މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ބޮޑުކަމާ ގުޅިފައިވާ ކަމެއް ނަމަ 1937 އިން 1945 އަށް ޗައިނާ އިސްތިއުމާރުގެ ދަށުގައި ނުއޮތީސް. އަދި 1858 އިން 1947 އަށް އެ އޮތް ބޮޑު އިންޑިއާ އިސްތިއުމާރުގެ ދަށުގައި ބޯލަނބައި ނުލީސް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިވަންކަމުގެ އިހުސާސް އެންމެންނަށް ކުރެވޭކަން ޔަގީންކުރުމަކީ ގައުމުގެ ވެރީންގެ ޒިންމާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ޒިންމާ އުފުއްލަވަމުން ގެންދަވާ ގޮތުގެ މިސާލު ދައްކަވައިފައެވެ.
"މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ގައުމުތަކާ މެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކަން ކުރެވޭ ނުރައްކާތެރި ގޮތް ގޮތުންކަން އިހުސާސް ކުރެވި ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު ބޭއްވޭ ސުލްހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒު. މި ގުޅުން މި ގޮތުގައި ދެމި އޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި އެ ސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާއި ޝަރަފުވެރި މަސައްކަތުގެ ގޮތުން،" އިމްރާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިނިވަންކަމާ އެކު ދިވެހީން ކުރިއަށްދާއިރު، މިނިވަންކަން ގެއްލިދާ ފަދަ ބައެއް ކަންކަމާމެދު ފަރުވާކުޑަކުރެވޭ ކަމީ ދިވެހީން ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޮޑެތި ބައިބައިވުންތައް އުފެދިގެންދާ ފަދަ ގޮތަކަށް އުފެދި އަށަގަންނަ ފިކުރުތަކުން ދުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު