އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް އެ ކޮމިޝަންގެ މެމްބަރުން މިއަދު ފާސްކޮށްފިއެވެ.

"ވަން" އަށް އެެނގިފައިވާ ގޮތުގައި އެ ނިންމުން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.

އެކަމާ ގުޅިގެން ފުއާދު "ވަން" އަށް މިއަދު ވިދާޅުވީ، އިތުބާރު ނެތް ކަމަށް ނިންމި ބައްދަލުވުމުގައި އޭނާ ބައިވެރިނުވާ ކަމަށާއި އެ ބައްދަލުވުން ޗެއާކުރެއްވީ ނައިބު ރައީސް އިސްމާއިލް ހަބީބު ކަމަށެވެ. އެ ބައްދަލުވުމުގައި ހަތަރު މެންބަރުން ބައިވެރިވެ ވަޑައިގެންނެވިކަން އެނގިވަޑައިގެންނެވި ނަމަވެސް އިތުބާރު ނެތް ކަމަށް ނިންމީ ކިތައް މެންބަރުންގެ ވޯޓުން ކަމެއް ސާފު ނުވާ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ގާނޫނީ ބުރަދަނެއް އޮތް ކަމެއް ނޫން އެއީ، އެއްވެސް ލިޔެކިޔުމެއްވެސް ކޮމިޝަނުގައެއް ނެތް. ދެން އިތުބާރު ނެތްކަމުގެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް، އެއީ ކޮމިޝަންގެ އެެތެރޭގައި ކުރެވޭނެ ކަމެއް ނޫން،" ފުއާދު ވިދާޅުވިއެވެ.

އީސީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެއީ ފުއާދާއި ހަބީބުގެ އިތުރުން އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ. އެ މެންބަރުންގެ ތެރެއިން ނަޝާތު މީގެ ކުރިންވެސް ވަނީ ފުއާދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފުއާދު ހުންނެވީ ނުފޫޒެއްގެ ދަށުވެފައި ކަމަށް ވިދާޅުވެފައިވެއެވެ.