އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމުގައި ސޮއިކުރުވައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފައިވާ އިރު، އެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުމާ ހަމައަށް އޮންނާނެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިއުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދައުވާތައް ސާތިބުވެ، ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، އެ ކޯޓުން އެމަނިކުފާނަށް ކާމިޔާބީ ލިބިވަޑައިނުގެންފި ނަމަ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ. ހައިކޯޓުގައި ކުރިއަށްދާ އިންތިއުނާފީ މައްސަލަތައްވެސް ފަނޑިޔާރުންގެ ޗުއްޓީއާ ހެދި އޮތީ މަޑުޖެހިފައެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ އެމަނިކުފާނުގެ ކެމްޕެއިން ކުރިއަށްގެންދަމުންނެވެ. އަދި ކެންޑިޑަސީ ފޯމު ހުށަހެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އެމަނިކުފާނާ ބައްދަލުކުރުމަށް މާފުށީ ޖަލަށް އިއްޔެ ވަނީ ގޮސްފައެވެ. ނަމަވެސް، ވަކީލުން ގެންދިޔަ ބައެއް ލިޔެކިޔުންތައް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރުމުގެ ފުރުސަތު ވަލީކުންނަށް ދީފައެއް ނުވެއެވެ.

ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އީސީއަށް ހުށަހަޅަން ޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ސޮއިކުރައްވައި، ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ލިބިފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ ފޯމުގައި ސޮއިކުރުވުމަށް ޕީޕީއެމުން އެހީތެރިކަަމަށް އެދިފައިވާތީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ އެމަނިކުފާނާ ބައްދަލުކުރަން ވަޑައިގެންނެވި އިރު، ގެންގުޅުއްވި ލިޔެކިއުންތަކުގެ ތެރޭގައި ކެންޑިޑަސީ ފޯމު ނުހިމެނޭ ކަމަށް ވަކީލުންގެ ޓީމުން އިއްޔެ ބުނެފައިވެއެވެ.

ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށްބުނެ ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލައިފައެވެ.