އަސްލު ލިޔުއްވީ: مـــولانــا خــالــد سيف اللّـــه رحمــانـــــى

ތަރުޖަމާކުރީ: عــبــد اللّـــه فــاروق حســـن

***************

އިންސާނުން އުފައްދަވައިފައިވަނީ މިނިވަނުންގެ ގޮތުގައެވެ. އެހެންކަމުން މިނިވަންކަމަކީ އިންސާނުންގެ ފިޠުރަތެވެ. އެބައިމީހުންގެ ޠަބީޢަތެވެ. އެބައިމީހުންނަށް އެންމެ ހިތްދަތިކަންލިބޭ އެއްކަމަކީ އަޅުވެތިކަމެވެ. އަޅުވެތިކަމާއެކު ޖިސްމާނީ ރާޙަތްތަކެއް ހޯދައިދިންކަމުގައި ވިޔަސްވެހެވެ. ދޫންޏެއް ރަނުގެ ކޮށްޓެއްގައި ބަންދުކުރި ކަމުގައިވިޔަސް އެކަމަކީ އެދޫނި އުފާވާނެކަމެއް ނޫނެވެ. އެދޫނި އެވަނީ ކޮށްޓެއްގައި ބަންދުވެފައެވެ.

އެގޮތުން އަޅުގަނޑުމެންގެ ކާބަފައިންވަނީ މިނިވަންކަމަށްޓަކައި ޖިހާދުކޮށްފައެވެ. އިންޑިޔާއިން ބޭރުވާން އިނގިރޭސީންނަށް މަޖުބޫރުކޮށްފައެވެ. މިއަދު އަޅުގަނޑުމެންގެ ޤައުމަކީ މިނިވަން ޤައުމެކެވެ. މި ޤައުމުން ލިބޭ މަންފާތަކާއި ޤައުމު ހިންގުމުގެ ވެރީންނަކީ އަޅުގަނޑުމެންނެވެ. އަޅުގަނޑުމެން އެންމެންނަކީ މިޤައުމުގެ ނަސީބުގެ ނިޔާކަނޑައެޅުމުގެ ބައިވެރީންނެވެ. ލިބިފައިމިވާ މިނިވަންކަމަކީ އަރަހުށި މާތް اللّــــه ދެއްވައިފައިވާ ވަރަށްބޮޑު ނިޢުމަތެކެވެ. މިއަދު އަޅުގަނޑުމެންނަށް މިނިވަންކަމާއެކު ވާހަކަ ދެކެވެއެވެ. ޚިޔާލު ފާޅުކުރެވެއެވެ. ރަނގަޅުނޫން ކަމުގައި ފެންނަ ކަންތައްތަކާމެދު ރަނގަޅެއް ނޫނޭ ބުނެވެއެވެ. ވެރިކަމުގެ ގަނޑުވަރުތަކާއި މަތީ އޮފީސްތަކުގައި ވެޑުވިފައި ތިއްބަވާ ރައީސުންނާއި ފުރަދާނައިން ޒިންމާދާރު ކުރުވެއެވެ. އިޙްތިސާބު ކުރުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދީންތައް ތަބްލީޣު ކުރެވެއެވެ. ހިދާޔަތުން މަޙްރޫމުވެފައިވާ ފަރާތްތަކަށް ތެދުމަގު ދައްކައިދެވެއެވެ.

މި ޖުމްހޫރިއްޔަތުގެ އެއްބަޔަކީ އިންތިޚާބެވެ. އިލެކްޝަނެވެ. އިންތިޚާބުގައި ޤައުމުގެ ރައްޔިތުންނަށް އެމީހުން ބޭނުންވާކަހަލަ މަންދޫބުން ހޮވެއެވެ. އިންތިޚާބު ކުރެވެއެވެ. އެބައިމީހުން ވެރިކަމުގެ ކިއްލާތަކުގައި އަޅުގަނޑުމެންގެ ވިސްނުން ހުންނަގޮތް ތަމްސީލުކޮށްދެއެވެ. ޤައުމުގެ ކަންކަމުގައި ގޮތްނިންމައެވެ.

ޖުމުލަގޮތެއްގައި އިސްލާމްދީނަކީ މަޤާމުތަކަށް ދަހިވެތިވެގެން އަމިއްލައަށް ކުރިމަތިލާން ތަރުޙީބުދޭ ދީނެއް ނޫނެވެ. އެދީން ތަރުޙީބުދޭގޮތަކީ ޤައުމުގެ އެކިކަންކަމަށް ޤާބިލު އެކަށޭނަ އަމާނަތްތެރީންނާއި ހެޔޮލަފާ މީހުން ރައްޔިތުން އަމިއްލައަށް ހޮވައި އެމީހުނާ ކަންކަން ޙަވާލުކުރުމެވެ. ނަމަވެސް މައްސަލައަކީ އަޅުގަނޑުމެންގެ ޒަމާން އައިއިރު ހުޅަނގުގެ ޖުމްހޫރިއްޔަތު ވަނީ ހުރިހައިކަމެއްގެ ޖާގަ އުފައްދައިފައެވެ. އަޚްލާޤީ ހަމަތަކާއި އުސޫލުތައް ފިޔަވައެވެ. ނޭކަށޭނަ ނުލަފާ ހުރިހައި އެންމެންވަނީ ސިޔާސަތުގެ ރޭލަށް ސަވާރުވެފައެވެ. އެހެންކަމުން ހެޔޮކަމުގެ އަހުލުވެރީންނާއި ޤައުމުގެ އިޞްލާޙަށް އެދޭމީހުންނަށްވެސް ވަނީ މަޤާމުތަކަށް ކުރިމަތިލާން ޖެހިފައެވެ. ޙާލަތު އެކަމަށް މަޖުބޫރުކޮށްފައެވެ.

ޝައްކެއްނެތެވެ. ޖުމްހޫރިއްޔަތަކީ ރަނގަޅު ކަންތައްތަކެއް ހުރިކަމުގައިވިޔަސް ވަރަށްގިނަ އުނިކަންތައްތަކެއްވެސް އެކުލެވޭ ނިޒާމެކެވެ. އިސްލާމީ ނިޒާމު ޖުމްހޫރިއްޔަތު ޤަބޫލުކުރަނީ އެ އުނިކަންކަން އިޞްލާޙުކުރުމާ އެކުގައެވެ. ހުޅަނގުގެ ޖުމްހޫރީ ނިޒާމުގައިހުރި ހުތުރު ސިފަތަކުގެ ތެރެއިން އެއްސިފަޔަކީ އުމީދާރުންގެ ޤާބިލު ކަމަކަށް ތެދުވެރިކަމަކަށް ނުބެލުމެވެ. އަޅުގަނޑުމެންގެ ޤައުމުގައި އިންތިޚާބަށް ކުރިމަތިލާ ވަރަށްގިނަ އުމީދާރުންގެ ނުވަތަ ފުރަދާނުންގެ ކިބަޔަކު އެފަދަ ކަމަކަށް ބޭނުންވާ ޢިލްމެއް ދަންނަކަމެއް ނުހުރެއެވެ. ބޭނުންވާ އަޚްލާޤީ ސިފަތަކެއް ތެދުވެރިކަމެއް ނުހުރެއެވެ. ޤައުމުގެ ޙައްސާސް މައްސަލަތަކާމެދު ގޮތްނިންމަނީ ވަލުބުޑު ނުކަނޑައި ނުކިޔަވައިތިބޭ މައް މީހުންނެވެ. ރޯނުފިލައި ތިބޭ ޖާހިލުންނެވެ. ލަދުވެތިކަމާއެކު އިޢުތިރާފުވާން ޖެހެއެވެ. އަޅުގަނޑުމެންގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނަކީ އަމިއްލަޔަށް ސޮއިކުރާން ނުދަންނަ މީހުންނެވެ. ސޮއިކުރާން ބޭނުންވާހިނދު މީހަކު ދައްކާ ތަނެއްގައި އިނގިލީގެ ނިޝާންޖަހާ މީހުންނެވެ. މިހާރު މިކަންވަނީ ނުބައިކަމުގައި އެއްދަރަޖަ ކުރިއަރައިފައެވެ. މަޝްހޫރު ގޭންގު ލީޑަރުންނާއި މުޖުރިމުންގެ އެތައްބަޔަކަށްވަނީ ޤާނޫނުހަދާ މަޖިލީހަށް ވަދެވިފައެވެ. އެބައިމީހުންގެ މައްޗަށްވަނީ ޤަތުލާއި، ޒިނޭއާއި ފޭރުމުގެ އެތައް ކުށްތަކެއްގެ ތުހުމަތު ކުރެވިފައެވެ. މީގެކުރީން ފުލުހުން އެމީސްމީހުންގެ ފަހަތުން ފާރަލަމުންދިޔައީ އެބައިމީހުން ހައްޔަރުކުރާންވެގެންނެވެ. އެކަމަކު މިހާރު ފުލުހުން އެބައިމީހުންގެ ފަސްފަހަތުން މުގޯލިއަޅަނީ އެބައިމީހުންގެ ހަށިފާރަވެރިކަމުގައެވެ. ކޮރަޕްޝަނަކީ މިހާރުގެ ސިޔާސީންގެ ލާޒިމީ ސިފައެކެވެ. މިހާރަކު ސިޔާސީ ލީޑަރަކާ ބެހޭގޮތުން އަޑުއިވޭ މިބާވަތުގެ ޚަބަރަކީ ޢާންމު ރައްޔިތުން ޙައިރާންކުރުވާކަމެއް ނޫނެވެ. އެހެނީ އެބާވަތުގެ ކަންކަމަކީ މިހާރު ޢާންމު ކަންކަމެވެ. އަބަދު ކަންފަތުގައި ގުގުމަ ގުގުމައި ހުންނަ އަޑުތަކެވެ.

އަޅުގަނޑުމެންގެ ތެރެއިން އިންތިޚާބުތަކަށް ކުރިމަތިލާ އުމީދާރުންގެ ނުވަތަ ފުރަދާނުންގެ އެކެއް އިންސައްތައަކީވެސް ޙަޤީޤަތުގައި ތެދުވެރި ޤާބިލު މީހުންކަމުގައި ބެލުމުގެ އެކަށޭނަކަންހުރި ބަޔެއް ނޫނެވެ. އެބަޔެއްގެ ދިރިއުޅުމުގެ ފަސްބައިގައި ކިލަނބުކަމެއް ނުވަތަ ލަކެއްނެތް ބަޔެއް ނޫނެވެ. ޢާންމުންގެ ފައިސާއިން ތިމާމެންގެ ޚަރަދުބަރަދު ހަމަޖައްސައި ތަޅައި ބުރުއްސައި މުއްސަނދިވާން ކުރިމަތިލާ ބަޔެއް ނޫނޭ ބުނެވޭނެ ބަޔެއް ނޫނެވެ.

ޑޮކްޓަރ ރާޖެންދުރަ ޕްރަޝާދު ބާރަ އަހަރު ވަންދެން އިންޑިޔާގެ ރައީސްކަން ކުރެއްވިއެވެ. އޭނާގެ ދައުރު ނިންމަވައިފައި އަމިއްލަފުޅު ރަށް ޕަޓްނާއަށް ވަޑައިގެންނެވިއިރު ދިރިއުޅުއްވާނެ ހިޔާވަހިކަމެއް ނެތެވެ. ޖަވާހިރުލާލް ނެހުރޫއަކީ ދާރުލްމުޞަންނިފީން އަޢުޡަމްގަޅުގެ މެންބަރެކެވެ. އެދުވަސްވަރު މެންބަރޝިޕް ފީއަކީ ފަސްސަތޭކަ ރުފިޔާއެވެ. مـــولانــا مسعـــود عــلــــى نـــدوى ނެހުރޫގެ އަރިހަށް މެންބަރޝިޕް ފީ ހޯއްދަވާން ވަޑައިގެންނެވިއެވެ. مسعـــود ވަޑައިގެންނެވިއިރު ޕަންޑިތު ނެހުރޫގެ އަތްޕުޅުގައި ފަސްސަތޭކަ ރުފިޔާއެއް ނެތެވެ. ނެހުރޫ އޭނާގެ ބެންކު ޕާސްބުކް ދެއްކެވިއިރު އޭގައި އޮތީ ދުއިސައްތަ ފަންސާހަކަށް ރުފިޔާއެވެ. ނެހުރޫ މެންބަރޝިޕް ފީ ދެއްކެވީ ދެފަހަރަށް ބައްސަވައިލައްވައިގެންނެވެ.

ނަމަވެސް މިހާރު ކަންހުންނަނީ މިގޮތަށްތޯއެވެ؟ މިހާރު ޢާންމުންގެ މަންދޫބުން (އެމް.ޕީން) ގެ ގެކޮޅުތައް ޝާހީ ކިއްލާތަކަކަށް ދުލެއް ނުކުރެއެވެ. ޒީނަތްތެރިކަމާއި ޗާރާކަމުގައި ހީވަނީ ޝައްދާދުގެ އިރަމް ހެންނެވެ. ފުލުހުންގެ ކުއްލި ފާސްކުރުންތަކުގައި އެކިމެންބަރުންގެ ގޭގެއިން އެތަކެއް މަނުގެ ރަނުގެ ގަހަނާ ވަނީ ފެނިފައެވެ.

އެހެންކަމުން މިފަދަ ދުވަސްވަރެއްގައި ފުރަދާނަކަށް ނުވަތަ އުމީދާރަކަށް ތާއީދުކުރާއިރު ނުވަތަ ވޯޓުދޭއިރު ތިންސައްތަ ފަހަރު ވިސްނާންޖެހެއެވެ. ޝައްކެއްނެތެވެ. ވޯޓު ދިނުމަކީ ޤައުމީ ވާޖިބެކެވެ. މުސްލިމުންގެ ވާޖިބުކަން ދެފަށްވެއެވެ. ވޯޓު ދިނުމަކީ މުސްލިމުންގެ ދީނީ ވާޖިބެއްވެސްމެއެވެ. ނިސްބަތުން ހެޔޮލަފާ އަދި އަޚްލާޤީ އަގުތަކެއްހުރި މީހުން ހޮވޭތޯ ބެލުމަށްޓަކައެވެ. މުޖްރިމު ސިޔާސަތު ޤަބޫލު ނުކުރާ ބަޔަކު ހޮވޭތޯއެވެ. ޤައުމުގެ ސިކިއުލަރިޒަމަށް ވަފާތެރި ބަޔަކު މަތިވޭތޯއެވެ. ސަރަޙައްދީ ތަޢައްޞުބެއްނެތް ބަޔަކު އިންތިޚާބުވޭތޯއެވެ. އަރަމުންދާ އިރަށް އަޅުކަންކުރުމުގެ ބަދަލުގައި ޙައްޤާއި އިންސާފާ އެއްކޮޅަށް އަރާނެ ބަޔަކު ވޭތޯއެވެ.

ތެދުފުޅެކެވެ. މިޒަމާނުގައި ޙަޤީޤީ މާނައިގައި އިޚްލާޞްތެރި ތެދުވެރި އަދި ދިލައެއް މިލައެއްނެތް ސިޔާސީ ލީޑަރަކު ފެނުމަކީ މުސްތަޙީލު ކަމެކޭ ބުނެވިދާނެއެވެ. މިފަދަ ޙާލަތުގައި ޝަރީޢަތުގެ އުޞޫލެއް އޮވެއެވެ. އެންމެ ރަނގަޅު މީހަކު ނުލިބިއްޖެކަމުގައިވާނަމަ އެންމެ ލަފާމީހަކު (ނުލަފާކަންކުޑަ މީހަކު) އިޚްތިޔާރު ކުރުމެވެ. އެހެންކަމުން މިޒަމާނުގައި ދެންނެވޭންއޮތީ ދެނުބައިން ކުޑަނުބައި ޚިޔާރު ކުރައްވާށޭއެވެ. ނިސްބަތުން ހެޔޮލަފާ މީހަކަށް ވޯޓު ދެއްވާށޭއެވެ. ޤައުމުގެ ހުރިހައި ބަހާތަކަކަށް ނަޒަރު ހިންގޭ ދީނީ ތަޢައްޞުބެއްނެތް މީހަކު (އިންޑިޔާގެ ޚާއްޞަ ޙާލަތުގައި) އިޚްތިޔާރު ކުރައްވާށޭއެވެ.

ވޯޓުގެ ޙަޤީޤީ ހައިސިއްޔަތަކީ ހެކިބަސް އަދާކުރެއްވުމެކެވެ. ތިބާ ފުރަދާނަކަށް ނުވަތަ އުމީދާރަކަށް ވޯޓު ދެއްވާއިރު އެވިދާޅުވެވެނީ ކުރިމަތިލައިފައިވާ ހުރިހައި ފުރަދާނުންކުރެ ނުވަތަ އުމީދާރުންކުރެ އެންމެ ރަނގަޅީ އެމީހަކު ކަމުގައެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ލަޔާޤަތާއި ޤައުމީ ޚިދުމަތުގެ ރޫޙު ހުރުމާ މިކަންކަމަށް ބަލާއިރު އެންމެރަނގަޅީ މީނާ ކަމުގައެވެ. ޤައުމަށް އެންމެ މަޞްލަޙަތުހުރީ އަދި ފައިދާބޮޑީ މީނާ ހޮވުމުން ކަމުގައެވެ.

އުމީދާރެއްގެ ނުވަތަ ފުރަދާނެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޤާބިލުކަމާމެދު ތިބާގެ ހިތްޕުޅުގައި ޔަޤީންކަމެއްނެތި ނުވަތަ އެމީހަކީ ފާސިދު (ކޮރަޕްޓް) މީހެއްކަމާއި ރިޝްވަތުހިފާ މީހެއްކަމާއި ޤައުމަށް ޚިދުމަތްކުރުމުގެ ބަދަލުގައި އޭނާ ހޭވައްޓައިލައިފައި އުޅޭނީ އަމިއްލަ އަންބޮނޑި ބޮޑުކޮށް އަމިއްލަ ޢާއިލާ ކުރިއަރުވަންކަން ތިބާއަށް އެނގިވަޑައިގަންނަވާއިރު އެފަދަ މީހަކަށް ވޯޓު ދެއްވުމަކީ ނުވަތަ ކެމްޕެއިން ކޮށްދެއްވުމަކީ މާތް اللّــــه ގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ދޮގުހެކި ދެއްވުމުގެ ފާފަ އިސްތަށިފުޅުގައި އެޅޭނެ ކަމެކެވެ. ޝައްކެއްނެތެވެ. ހަދާ ކޮންމެ ދޮގަކީ ނުބައިކަމެކެވެ. އެކަމަކު ދޮގުހެކި ދިނުމަކީ އަދި މާބޮޑު އަފޫރުއްބަ ފާފައެކެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަން ހިމަނުއްވައިފައިވަނީ ބޮޑު ފާފަތަކުގެ ލިސްޓުގައެވެ.

ވޯޓު ދިނުމުގައި އުމީދާރެއްގެ ނުވަތަ ފުރަދާނެއްގެ އެކަށޭނަކަމަށް ބެލުމުގެ ބަދަލުގައި އޭނާއާ ތިބާއާ ހުރި ރަށްޓެހިކަމަށް ނުވަތަ ރަށުމީހާ ކަމަށްވާތީ އެކަމަށް ނުވަތަ ތިބާއަށް އެއްޗެއްދީ ނުވަތަ ކަމެއްކޮށްދީފައިވާތީ އެކަމަށް ބައްލަވައިފިކަމުގައިވާނަމަ އެކުރެއްވެނީ ފާފައެކެވެ. އެ ވެވަޑައިގެންނެވެނީ ޚިޔާނަތްތެރިއެވެ. އެ ހިއްޕެވެނީ ރިޝްވަތެވެ. އެ ދެއްވެނީ ދޮގުހެތްކެކެވެ. އިންތިޚާބަކާ ގުޅިގެންދޭ ފައިސާއަކީ ނުވަތަ ކޮށްދޭކަމަކީ ރިޝްވަތެކެވެ. ތިބާއަށް ނުވަތަ ތިބާގެ ރަށަށް ކަމެއްކޮށްދީ ނުވަތަ އެއްޗެއްދީ ހެދިކަމުގައިވިޔަސްވެހެވެ. އެކަމާ މާތް اللّــــه ގެ ޙަޟުރަތުގައި ޒިންމާ އުފުއްލަވާން ޖެހިވަޑައިގަންނަވާނެއެވެ.

އަދިވެސް ވިސްނައިވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ކަމެކެވެ. އިންތިޚާބެއްގައި އަމިއްލަފުޅު މަޞްލަޙަތަށްޓަކައި ދެއްވާ ވޯޓަކުން ގެއްލުންދެއްވެނީ އެކަކަށް ނުވަތަ ދެމީހަކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މުޅި ޤައުމަށެވެ. އެހެންކަމުން ވޯޓު ދެއްވުމުގައި ގޮތްނިންމަވާންވާނީ އިންތިހާޔަށް ވިސްނައިވަޑައިގެންނެވުމަށްފަހުގައެވެ. ކުރިމަތިލައްވައިފައިވާ ހުރިހައި ފުރަދާނުންނާއި އުމީދާރުންނާމެދު ރަނގަޅަށް ވިސްނައިވަޑައިގަންނަވާށެވެ. ޤައުމާއި މިއްލަތަށް އެންމެ ލާބަ ބޮޑުވާނެކަމަށް ތަޞައްވުރަށް ގެންނެވޭ އުމީދާރަކަށް ވޯޓު ދެއްވާށެވެ. ވޯޓަރެއްގެ ޙަޤީޤީ ކާމިޔާބަކީ އެއީއެވެ. ދީނާއި ޤައުމުގެ މަޞްލަޙަތަށް ރިޢާޔަތްކުރައްވައި ވޯޓު ދެއްވުމުން ތިބާ ވޯޓުދެއްވި ފުރަދާނު ނުވަތަ އުމީދާރު އިންތިޚާބުގައި ބަލިވިކަމުގައިވިޔަސް ތިބާއަށް އެވަނީ ތިބާގެ ދީނީ އަދި ޤައުމީ ވާޖިބު އަދާކުރެއްވިފައެވެ. މާތް اللّــــه ގެ ޙަޟުރަތުގައި ތިބާއަކީ ޚިޔާނަތަކަށް އަރައިވަޑައިގެންނެވި މީހަކު ކަމުގައެއް ނުވާނެއެވެ. ތިބާ ވޯޓު ދެއްވީ ދީނީގޮތުންނާއި ޤައުމީގޮތުން ގެއްލުންހުރި މީހަކަށް ކަމުގައިވާނަމަ، އެމީހަކަށް އިންތިޚާބު ކާމިޔާބުކުރެވުނު ކަމުގައިވިޔަސް މުސްލިމު ވޯޓަރެއްގެ ހައިސިއްޔަތުން އެއީ ތިބާގެ ނާކާމިޔާބީއެކެވެ. އެހެނީ ތިބާ ތިޔަކުރެއްވި ކުށާމެދު މާތް اللّــــه ގެ ޙަޟުރަތުގައި ޖަވާބުދާރީ ވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ. މާތް اللّــــه މީހުންގެ ޢަމަލުތައް ކިރުއްވާ ތަރާދުން ކިރުއްވާއިރު ތިޔަދެއްވި ވޯޓު ހިމެނޭނީ މުވާޚިޒާ ކުރައްވާނެ ކަމެއްކަމުގައެވެ.