ޖުމްހޫރީ މައިދާނުގައި އިށީނދެ ތިބެނިކޮށް ފުލުހުން ހައްޔަރުކުރި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ފަސް ބޭފުޅަކު މިއަދު އެކި ވަގުތުތަކުގައި ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ތިއްބާ ހައްޔަރުކުރި އެ މެންބަރުން ހަމަ އެ ދުވަހު ދޫކޮށްލިއެވެ. އެ ބޭފުޅުން ދޫކޮށްލީ ތަހުގީގަށް ފަހުން ހާޒިރުވުމަށް ޝަރުތު ކުރުމަށްފަހުއެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބޭފުޅުން އެކި ގަޑިތަކުގައި ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާފައިވާ ކަމަށެވެ.

  • މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު: ހެނދުނު 10:00
  • ޕީއެންސީގެ ނައިބު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް: ހެނދުނު 11:00
  • ޕީއެންސީގެ ނައިބު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު: މެންދުރު 12:00
  • ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: މެންދުރު 1:00
  • ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު: ހަވީރު 4:00

އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދުމަށް ގޮވާލުމަށެވެ.