މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކާއި ޖަމިއްޔާއަކަށް ދޭން ނިންމައިފިއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުމާއި ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މި އަހަރު ހާސިލު ކުރައްވަނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަގުވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެއިތުރުން ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރަނީ އެންމެ ފަރާތަކުންނެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށް، މި އަހަރު އެއްވަނަ ދަރަޖައިގައި ފާސްވި 10 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު