އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާތީ ރަނިން މޭޓަކަށް ވާން ޝައުގުވެރިވޭތޯ ސުވާލުކުރުމުން ފައިސަލް ވިދާޅުވީ މި ދައުރުގައި ފެށި ކައްތައްތަކުގެ ތެރެއިން ކުރިއަށް ގެންދާންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށާއި ކޮންމެ ކަމަކީ ވަކި ހިސާބަކުން "ސްޓޮޕް" ޖަހާލަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ކޮންމެ ކަމަކީ ވަކި ހިސާބަކުން ސްޓޮޕް ޖަހާލަންޖެހޭ ކަންކަމެއް ނޫނެއްނޫންތޯ. އެކަންތައް އިމްޕްރޫވް ކުރުން އޮވޭ. ނުވަތަ ކޮންޓިނިއު ކުރުން އޮވޭ... އެކަންތައް ހާފްވޭ ތްރޫ، ހުއްޓާލާފަ ގެއަށްވަދެ ހުރުމަށްވުރެ އަޅުގަނޑުވެސް އެދެނީ އަޅުގަނޑަށްވެސް އެ މަސައްކަތްތައް ކޮންޓިނިއު ކުރުމުގެ ފުރުސަތު ލިބުން. އެގޮތުން ޝައުގުވެރިވޭ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަށް ތާއީދުކުރަނީ ވަކި ކަމެއް ޝަރުތުކޮށްފައި ނޫން ކަމަށާއި އޭނާ ހިދުމަތެއް ކުރަނީ ކަންކަމަށް އަގު ކިޔައިގެން ނޫން ކަމަށެވެ. އަދި "އެވެނި ކަމެއް ބޭނުމޭ މިވެނި ކަމެއް ބޭނުމޭ، މަށަށް ދޭން ޖެހޭނޭ މިވެނި މީހަކަށް ދެންޏާ ބައިވެރިނުވާނަމޭ" ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ހަޔާތުގެ ބޮޑު ބައި ކުޑަ ނަމަވެސް މި ހޭދަކުރެވުނީ މި ގޮތުގައޭ. ދިވެހި ގައުމޭ، ދިވެހި ރައްޔިތުންނޭ އަޅުގަނޑުމެންނަށް އޮތީ. އެކަމުގެ ޝައުގުވެރިކަން އޮންނާނީ ފާޅުކޮށްފައި. ކަން ނިންމެވުމަކީ ދެން މުޅިން އެހެން ކަމެއް. އަޅުގަނޑުގެ ކަމަކީ އަޅުގަނޑާ ހަވާލުކުރާ ކަންކަން ވީހާ ވެސް ރަނގަޅަކަށް ކުރާ މީހެއް. އެހެން ފަރާތަކުން އެކަން ނިންމަވާނީ." ފައިސަލް ވިދާޅުވިއެވެ.