މިއަދު އޮސްޓްރޭލިއާއާއި ނިއު ޒީލެންޑްގައި ފެށި އަންހެން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތައް ހޯސްޓް ގައުމުތައް ކަމަށްވާ ނިއު ޒީލެންޑާއި އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފިއެވެ.
މިފަހަރު އަންހެން ވޯލްޑް ކަޕަށް ސަމާލުކަން ބޮޑުވެފައިވާ އިރު، އަންހެން ވޯލްޑް ކަޕް ފެށީ ނިއު ޒީލެންޑްގައި ކުޅުނު މެޗުންނެވެ. އޯކްލޭންޑްގެ އެޑެން ޕާކުގައި 42،137 މީހުންގެ ކުރިމަތީގައި ރޭ ކުޅުނު ތާރީހީ މެޗުގައި ނިއު ޒީލެންޑުން ވަނީ 1-0 އިން ނޯވޭ ބަލިކޮށްފައެވެ.
މިއަދު ނިއު ޒީލެންޑުން ކުޅުނު އެ މެޗަކީ އެގައުމުން އަންހެން ވޯލްޑް ކަޕްގައިވެސް އަދި ފިރިހެން ވޯލްޑް ކަޕެއްގައިވެސް ހޯދި ފުރަތަމަ މޮޅެވެ. އެ މޮޅު އިތުރަށް ޝަރަފުވެރިވެގެން ދިޔައީ 1995 ވަނަ އަހަރު އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރި ނޯވޭ ކައިރިން ހޯދި މޮޅަކަށްވުމާއެކުގައެވެ. ނިއު ޒީލެންޑުން ރޭގެ މެޗުން މޮޅުވި ގޯލު، މެޗުގެ 48 ވަނަ މިނެޓުގައި ޖަހައިދިނީ ހެނާ ވިލްކިންސަންއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖަގީ ހޭންޑެވެ. ނިއު ޒީލެންޑަށް ލީޑު ތަނަވަސްކުރުމަށް އިތުރު ފުރުސަތުތައް ލިބުނުތަންވެސް މެޗުގައި ފެނިގެން ދިޔައެވެ. 90 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީގައި ރިއާ ޕާސިވަލް ފޮނުވާލި ބޯޅަ ކާމިޔާބެއް ނުވިއެވެ.
އޮސްޓްރޭލިއާއިން ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ރިޕަބްލިކް އޮފް އަޔަލޭންޑް ބަލިކުރީވެސް 1-0 ގެ ނަތީޖާއަކުންނެވެ. ސިޑްނީގައި 75،784 ސަޕޯޓަރުންނާއެކު މިއަދު ކުޅުނު މެޗުގައި އޮސްޓްރޭލިއާގެ ހަމައެކަނި ގޯލު ޖަހައިދިނީ ސްޓެފަން ކަޓްލޭއެވެ.
މިއަދުގެ މެޗުގައި އޮސްޓްރޭލިއާގެ ކެޕްޓަން އަދި ތަރި ސޭމް ކާގެ ކުޑަކަޅުވާއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އެއީ ކުރިއަށް އޮތް މެޗުތަކަށް އޮސްޓްރޭލިއާއަށް އޮތް ނުތަވަސްކަމެކެވެ.
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް