އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެއްވަނައިގައި މަގާމު ދަމަހައްޓައިފިއެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާއިން ބުރު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗާއެކު މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން މާޒިޔާ ވަނީ 15 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ސަސްއާއި ހަތަރުވަނައިގައި އޮތް ބުރު އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ދެ ޓީމަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވެއެވެ. ސަސް ތިންވަނައިގައި އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ.
މެޗު ރަނގަޅަށް ފެށީ މާޒިޔާއެވެ. އެޓީމުން ކުރިއަށް ޖެހި ކުޅެން މަސައްކަތް ކުރި ނަމަވެސް، ބުރުން ދިޔައީ ކުރީކޮޅުގައި ރަނގަޅަށް ޑިފެންސް ކުރަމުންނެވެ. ހާއްސަކޮށް ގިނަ ތުރޫ ބޯޅަތަކެއް ޖަހައި ގޯލެއް ޖެހުމަށް މާޒިޔާއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. މާޒިޔާއިން ކުރި މަސައްކަތުގައި އެޓީމުން ލީޑު ނެގީ 32 ވަނަ މިިނެޓުގައެވެ. އެ ގޯލަކީ ހަމްޒާ މުހައްމަދު (ހަމްޕު) ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ. މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ކުރި ފައުލަށް ލިބުނު ހިލޭ ޖެހުން، ހަމްޕު ވައްދާލީ ސީދާ ގޯލުގެ މަތީ ކަނަށެވެ.
ފުރަތަމަ ހާފުގައި މާޒިޔާއަށް އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް، އެޓީމަށް ލީޑު ފުޅާކުރެވުނީ 60 ވަނަ މިނެޓުގައެވެ. އެއީ އޭރިއާ ތެރެއަށް މާޒިޔާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނަގައިދިން ބޯޅައަކަށް ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން ނުކުތުން، އެ ބޯޅަ ކީޕަރަށްވުރެ ކުރިން ހޯދައި ނާއިޒު ހަސަން (ދާދު) މަތިމަތިން ޖައްސާލި ބޯޅައަށް އަރައި، ހަސަން ރާއީފް (ހަންނަ) ބޮލުން ޖެހި ގޯލެކެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ 9:00 ގައެވެ.