އަންނަ ދައުރުގައި ހއ. ވަށަފަރު ސްކޫލުގެ މަލްޓިޕާޕަސް ހޯލު ގާއިމުކޮށްދީ، އެރަށު ގޮނޑުދޮށް ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. ވަށަފަރުގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވަށަފަރަށް ކުރިން ވެސް ވަޑައިގެންފައިވާނެ ކަމަށާއި އެ ފަހަރާ މި ފަހަރާ ތަފާތުވަނީ ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވަށަފަރު ރައްޔިތުން އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަށަފަރަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އެ ރަށު ސްކޫލަށް ބޭނުންވާ މަލްޓިޕާޕާސް ހޯލުގެ މަސައްކަތް ކުރިއަށްއޮތް ތަނުގައި ކުރައްވާނެ ކަމަށެވެ.

"މި ރަށުގެ ގިރާ ސަރަހައްދެއް އެބައޮތް. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި އަޅުގަނޑުމެންގެ ދައުރުގައި މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނަން. އަދި ސްކޫލަށް ބޭނުންވެފައި އޮތް މަލްޓިޕާޕަސް ހޯލު އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މެނިފެސްޓޯގައި އަޅުގަނޑުމެން ހިމަނައި، މި ރަށުގެ ސްކޫލުގައި މަލްޓިޕާޕާސް ހޯލު ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަށަފަރުގެ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތް ނިމި މިހާރު ކުރަމުންދަނީ ހިދުމަތްދިނުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށެވެ. ވަށަވަފަރުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަން ޖެހޭ ކަމަށާއި އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް މިހާރު ވަނީ ޓެންޑާ މަރުހަލާގައި ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށި، ކުނި މެނޭޖުކުރުމުގެ ނިޒާމުގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުތިލަދުންމައްޗަށް އަންނަ ތަރައްގީ އެންމެ ބޮޑަށް ފެނިގެންދާނީ ވަށަފަރުން ކަމަށާއި ވަށަފަރުގެ ބީޗަކީ ޔޫރަޕު ރައްޔިތުންގެ މެދުގައި މަގުބޫލު ބީޗެއް ކަމަށާއި ބޮޑުތިލަދުންމަތީގެ ބަދަލަށްފަހު ލޯކަލް ޓޫރިޒަމް ވަށަފަރުގައި ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅެނީ ކުޑަރެށެއް ބޮޑުރަށެއް ނުބަލައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާ ކަމަށާއި އެކަމުގެ އެންމެ ވަރުގަދަ ހެއްކަކީ ވަށަފަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ރަށުގެ ނާތީޖާ ވަރަށް ސާފު. އަޅުގަނޑުމެންނަށް މި ރަށުން ލިބުނީ 93 ވޯޓު. ބޮޑުކޮށް އެއިރުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މި ރަށުން ކާމިޔާބުކުރެއްވި. އެހެންނަމަވެސް އަޅުގަނޑުމެންގެ ސިޔާސަތުތައް ކަނޑައެޅިއިރު އެއަކަށް ނުބަލާ. ބެލީ މި ރަށުގައި ވެސް އުޅެނީ ދިވެހި ރައްޔިތުން. ޖެހިގެން އޮތް ކެލާގައިވެސް އުޅެނީ ދިވެހި ރައްޔިތުން. ތަފާތުކޮށްގެން ނުވާނެކަން. ކޮށްދޭނެ ޖެހޭ ހިދުމަތްތައް، ކޮށްދޭންޖެހޭ މަސައްކަތްތައް ސަރުކާރުން ހަމަހަމަކޮށް ކޮށްދޭން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ވައުދުވެފައި، ވައުދު ފުއްދާ ބަޔަކު ތިބިކަން ވަށަފަރު ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށާއި މީގެ ކުރިން ބޭފުޅުން ވަށަފަރު ތަރައްގީކޮށްދޭނެ ކަމަށް ވައުދުވެފައިވީ ނަމަވެސް، އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވަށަފަރަށް ވައުދުވެފައި، އެ ވައުދު ފުއްދެއްވީ އެމަނިކުފާނު ކަމަށާއި އެކަން އެ ރަށު ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ. އަދި ބޮޑުތިލަދުންމަތީގެ ނުވަ ރަށަކަށް ދެވިފައިވާ އިރު، އެ ހުރިހާ ރަށެއްގެ ރައްޔިތުން ބޭނުންވަނީ ވައުދުވެފައި، ވައުދު ފުއްދާ ބަޔަކާއެކު ކުރިއަށްދާން ކަމަށް ރައީސް ވިދާޅުވިއެވެ.