އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސްއިން ޔުނައިޓެޑް ވިކްޓަރީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު ފަސް މެޗުން 13 ޕޮއިންޓް އީގަލްސްއަށް ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، މި ހަފުތާގައި ކުޅޭ މެޗާއެކު އެޓީމަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.

ޔޫވީން މިހާތަނަށް މިފަހަރުގެ ލީގުގައި ހޯދި ހަމައެކަނި މޮޅަކީ މިދިޔަ ހަފުތާ ވެލެންސިއާ ކައިރިން ހޯދި މޮޅެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ޔޫވީއަށް އޮތީ އުނދަގޫ ހާލަތަކާ ކުރިމަތިވެފައެވެ. އެއީ އެ ޓީމުގައި ސްކޫލުތަކުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނާއި މާލޭގެ ކޮލެޖުތަކުގައި ކިޔަވާ ކުދިން ގިނަވުމުން ދިމާވި ކުޅުންތެރިންގެ ދަތިކަމުގެ މައްސަލައިގެ ސަބަބުންނެވެ. މެޗުގެ ކުރިން ޔޫވީގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ ފަރިތަކުރުންތަކަށް ކުޅުންތެރިން ހަމަނުވުން އެއީ ޗެލެންޖެއް ކަމަށެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި އީގަލްސްއިން ނުރައްކާ ކުރަން ފެށިއެވެ. އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ހުރަހަކުން އަހުމަދު ރިޒުވާން (ރިޒޭ) ހުސްކޮށް އަރައި ޗިޕެއް ޖެހި ނަމަވެސް، ބޯޅަ ދިޔައީ މަތިން ބޭރަށެވެ. އަދި އޭގެ ފަހުން ރިޒޭ ފޮނުވާލި ބާރު ހަމަލާ މަތަކުރީ ޔޫވީގެ ގޯލްކީޕަރު އަލީ ނާޖިހެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ޔޫވީގެ ގޯލްކީޕަރު ނާޖީގެ ރަނގަޅު ސޭވްތަކެއް ފެނުނު އިރު، އޭގެ ފަހުންވެސް ރިޒޭ ޖެހި ދެ ބޯޅައެއް އޭނާ މަތަކުރިއެވެ. އަދި އޭގެ ފަހުން ފޭދޫ އިއްބެ ޖެހި ބޯޅައެއްވެސް ނާޖީ މަތަކުރިއެވެ.

ޔޫވީން ފުރަތަމަ ހާފުގެ ފަހުކޮޅުގައި މެޗުގެ ތެރެއަށް ވަދެ، ކުޅުން ރަނގަޅުކުރިއެވެ. މޫސާ އަޒީމް ހިލޭ ޖެހުމަކުން ނަގައިދިން ހުރަސް، މުހައްމަދު ރީހާން ފޮނުވާލުމުން އެ ބޯޅަ މަތަކުރީ އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)އެވެ. އަދި ޝަނާން ރަޝާދު ޖެހި ބާރު ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

މެޗުގައި އީގަލްސްއިން ލީޑު ނެގީ 43 ވަނަ މިނެޓުގައެވެ. ފޭދޫ އިއްބެ ހުރަސްކޮށްލި ބޯޅަ ފަސޭހަކަމާއެކު ރިޒޭ އެ ގޯލު ޖަހައިދިން އިރު، ހާފު ނިމުމުގެ ކުރިން ޔޫވީން ނަތީޖާ ހަމަހަމަ ކުރިއެވެ. ޔޫވީގެ ގޯލު ޖެހީ ޝަނާނެވެ. ރީހާން ތަނަވަސްކޮށްދިން ފުރުސަތުގައި ޝަނާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ.

ދެވަނަ ހާފު ފެށިގެން ފޯރިގަދަކޮށް މެޗު ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހުސް ފުރުސަތެއް ލިބުނީ އީގަލްސްގެ ހިސާމް ސަލީމް (ކޮކީ) އަށެވެ. އިވާން ކާލޯސް ނަގައިދިން ހުރަހަށް އޭނާ ރަނގަޅަށް ކުރިއަށް އެރި ނަމަވެސް، ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އަދި އޭގެ ފަހުންވެސް އީގަލްސްއަށް ރަނގަޅު ފުރުސަތުތައް ލިބުނު އިރު، ދެވަނަ ހާފް ބޮޑަށް ޑޮމިނޭޓް ކުރީ އީގަލްސްއިންނެވެ.

އީގަލްސްއިން ރަނގަޅަށް ކުޅުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 81 ވަނަ މިނެޓުގައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ހުސްކޮށްލާފައި ދިން ބޯޅައަކުން ފޭދޫ އިއްބެ ޖެހި ގޯލެކެވެ.

ލީގުގައި މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ.