ސިޔާސީގޮތުން އެކި ފަރާާތްތަކުން ދައްކަމުންދިޔަ ވާހަކަތަކަށް ރައްދުދިނުމެއް ނެތި އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ ތަރައްގީ ގެނެސްދެއްވުމަށް ކަމަށާއި ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ބޮޑުތިލަދުންމަތި ބަދަލުވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހއ. މޮޅަދޫގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޮޑުތިލަދުންމަތީގައި ފަށައިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން ދެން ފެނިގެންދާނީ މުޅިން އާ ބޮޑުތިލަދުންމައްޗެއް ކަމަށެވެ.

"އަޅުގަނޑުމެން މި ގެންނަ ތަރައްގީގެ ބޮޑު މަޝްރޫއުތަކާއެކީގައި މުޅި ބޮޑުތިލަދުންމައްޗަށް މި އަންނަނީ ބޮޑު ބަދަލެއް. ހަނިމާދޫ އިންޓަނޭޝަނަލް ވެގެން އެދަނީ. އެއާއެކީގައި ކައިރީގައި ހުރި ރަށްތަކުގެ ބިމުގެ އަގު އުފުލިގެން އެބަދޭ. ކުރިއަށް މިއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި މި ސަރަހައްދަށް ފެނިގެންދާނީ މުޅިން އެހެން ބޮޑުތިލަދުންމައްޗެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ މަޑުޖެހުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ތަރައްގީގެ ދުވެލި މިހާ ބާރުކޮށް ގެންދެވެނީ ސިޔާސީ ހަމަޖެހުން ގާއިމުވެފައި އޮތުމުންނާއި ވާދަވެރި ސިޔާސީ ފަރާތްތަކުން ސަރުކާރަށް އަމާޒުކޮށް ދައްކަވާ ވާހަކަތަކަށް ރައްދު ނުދެއްވާތީ ކަމަށެވެ.

"އެންމެ މުހިންމުކަމަކީ ރާއްޖޭގައި އަމާންކަން ގާއިމުކުރުން، ހަމަޖެހުން ގާއިމުކުރުން. އެއީ ހަމަ އޮވެފައިވީ ކަމެއް ނޫން. ކަންތައްތަކެއް ކޮށްގެން އެހެންވީ، ތަފާތު ވިސްނުންތަކުގެ މީހުންގެ ހިޔާލު އަޑުއެހިން. ކުރިމަތިވާ ގޮންޖެހުންތަކަށް ރައްދު ނުދީ ވިސްނުންތެރިކަމާއެކީގައި އެއަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރިން. ވެރިކަމެއްގައި ތިބޭއިރުގައި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކުރިމަތިވާނެ ގޮންޖެހުންތައް. އެހެންނަމަވެސް އެ ހުރިހާކަމެއް އެއްފަރާތްކޮށްފައި ސަރުކާރުގެ އަމާޒަކަށްވީ، ވިސްނުމަކަށްވީ އަޅުގަނޑުމެން ކުރިއަށް ދާނީ ތަރައްގީގެ މަޝްރޫއުތަކާއެކީގައިކަން. އޭގެ ނަތީޖީ މިއަދު ތިބޭފުޅުންނަށް މި ފެންނަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޮޅަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ތަރައްގީގެ ސަފުން މޮޅަދޫ ބާކީނުވާނެކަމުގެ ޔަގީންކަން ކަމަށެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ރޭވުންތެރިކަމާއެކު މޮޅަދޫގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ނިމިފައިވާ އިރު، އަނެއްބައި މަޝްރޫއުތައް ނިމެން ކައިރިވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މޮޅަދޫގެ ގިރާ ސަރަހައްދުގެ ވާހަކަ ކައުންސިލުން ފާހަގަކުރައްވާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި މޮޅަދުއަށް ރަށްގިރުމުގެ މައްސަލަ ދިމާވަނީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ބަނދަރު ހެދުމާއެކުގައި ރަށަށް އަންނާނެ ކޮންމެވެސް ބަދަލުތަކެއް، އެހެން ގޮތަކަށް އަޅުގަނޑުމެން ބަދަލުކޮށްލީމާ އަންނަ ބަދަލު އަންނާނެ. އެގޮތުން މި ރަށުގައި ވެސް ކޮންމެވެސް ދިމާއެއް ގިރަން ފަށާފަ މިހާރު އޮންނާނީ. އެ ވާހަކަ ކަންނޭނގެ ދެންމެ ކައުންސިލް ރައީސް އެ ވިދާޅުވީ. އިރާދަކުރެއްވިއްޔާ މި ރަށުގެ ބަނދަރަށް އިތުރުކުރަންޖެހޭ ބަޔާއެކުގައި މި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މޮޅަދޫ ބަނދަރު ހެދުމާއެކު ބޯޓު ފަހަރު އަންނަ އަދަދު އިތުރުވެ، ރަށުގެ އިގުތިސޯދު ކުރިއަރައިގެން ދާނެ ކަމަށެވެ. މޮޅަދޫ އަކީ މުސްތަގުބަލެއް އޮތް ރަށެއް ކަމަށާއި މިހާރު މޮޅަދޫއަކީ ލޯކަލް ޓޫރިޒަމުގައި ފާހަގަކޮށްލެވޭ ރަށެއް ކަމަށް ވިދާޅުވިއެވެ.

މޮޅަދުއަށް ބޭނުންވާ ސްކޫލުގެ އާ އިމާރަތް މިހާރު ނިމިފައިވާ ކަމަށާއި އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ އިރު، ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަަވަހަށް ޓެންޑަރަށް ލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މޮޅަދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އަގުބޮޑު ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އާއެކު އަގުހެޔޮ ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.