ކުރިން މެންޗެސްޓާ ސިޓީއަށް ކުޅުނު ޑިފެންޑަރު ބެންޖަމިން މެންޑީ، ރޭޕްގެ މައްސަލައިން ސަލާމަތްވިތާ ފަސް ދުވަސް ފަހުން ފްރާންސްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ލޯރިއެންއަށް ދެ އަހަރު ދުވަހަށް ސޮއިކޮށްފިއެވެ.
އުމުރުން 29 އަހަރުގެ މެންޑީ ސިޓީއާއެކު ކުރިން ހަދާފައި އޮތް އެއްބަސްވުން ހަމަވީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ. އޭނާ ކުރިން ސިޓީއަށް ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައެވެ. 2017 ވަނަ އަހަރު މެންޑީ މޮނާކޯއިން ސިޓީއަށް ދިޔައީ 52 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައެވެ. ސިޓީގެ ކެރިއަރުގެ ކުރީކޮޅުގައި މެންޑީ ރަނގަޅު ފޯމެއްގައި ފެނިފައިވީ ނަމަވެސް، އޭނާގެ ފުޓުބޯޅަ ހުއްޓުމަކަށް އައީ ރޭޕްގެ މައްސަލައެއްގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަތަކަކާ ކުރިމަތިވެގެންނެވެ. މެންޑީގެ މައްޗަށް ރޭޕްގެ ހަ މައްސަލައެއްގެ ދައުވާގެ އިތުރުން ޖިންސީ ގޯނާގެ މައްސަލައެއްގެ ދައުވާ އުފުލާފައިވާ އިރު، މައްސަލަތައް ބަލަން ފެށީ މީގެ ދެ އަހަރު ކުރިންނެވެ.
އެ މައްސަލަތަކުގައި ބުނެފައިވަނީ މެންޑީ، އަންހެނަކު ރޭޕް ކުރި ކަމަށާއި އަދި އިތުރު އަންހެނަކު ރޭޕް ކުރަން މަސައްކަތް ކުރި ކަމަށެވެ. މެންޑީގެ މައްސަލަތައް ބަލާފައިވަނީ ޗެސްޓާ ކްރައުން ކޯޓުންނެވެ. އެ މައްސަލަތަކުގެ ހުކުމް މިދިޔަ ހުކުރު ދުވަހު އިއްވާފައިވާ އިރު، އެއްވެސް މައްސަލައެއް މެންޑީގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.
މެންޑީ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު ހޯދައި، ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ. އެ ފަހުން ދިމާވި މައްސަލަތަކާއެކު މެންޑީ އެންމެފަހުން މެޗެއް ކުޅުނީ 2021 ވަނަ އަހަރު އޮގަސްޓް މަހުގައެވެ. އެއީ ސިޓީން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. 2021 ވަނަ އަހަރު މެންޑީ ހައްޔަރު ކޮށްފައިވާ އިރު، ފަސް މަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ. އަދި ކޯޓަށް ފުރަތަމަ ގެންދިޔައީ މިދިޔަ އަހަރު އޮގަސްޓްގައެވެ.
މެންޑީގެ މައްސަލަތައް ފަހުން ލަސްވެގެން ދިޔައީ ދެ ދައުވާއެއްގައި ގޮތް ނިންމުމަށް ވަގުތު ބޭނުންވާ ކަމަށް ފަނޑިޔާރުން ނިންމުމުންނެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު