ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަން ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އާރުޑީސީގެ އެކައުންޓަކުން 13 މިލިއަން ރުފިޔާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އަދި ސީއެފްއޯ ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ފެންމަތިވެފައެވެ. އެ ތުހުމަތުތައް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވަނީ އެ ދުވަހު ދޮގުކުރައްވައިފައެވެ.

އެ ކުންފުނީގެ ސީއެފްއޯ ޔާސިރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހިޔާނާތުގެ ތުހުމަތު އަމާޒުކުރަމުންދަނީ އެ ކުންފުންޏަށް މީހުން ކުރަމުންދާ އިތުބާރު ގެއްލުވާލަން ކަމަށެވެ.

"ހިޔާނާތުގެ ހުރިހާ ތުހުމަތުތަކަށް އަޅުގަނޑު އިންކާރުކުރަން އަދި ނުރަނގަޅު އެހެންކަމެއް ވެސް ކޮށްފައެއް ނުވާނެ. ހިޔާނާތުގެ ދޮގު ތުހުމަތުތައް އަމާޒުކުރަމުންދަނީ ކުންފުނީގެ އަގުވައްޓާލައި ކްލައިންޓުންނާއި ކުންފުންޏާ ދެމެދު އުފެދިފައިވާ އިތުބާރު ގެއްލުވާލަން،" ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ އެފަދަ ދޮގު ތުހުމަތުތައް އަމާޒުކޮށް ކުންފުނީގެ އަގުވައްޓާލުން ބަލައިނުގަންނާނެ ކަމަށާއި ކުންފުނީގެ ހައްގުތައް ދިފާއުކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑު ވާނީ ދިޔަރެސް އަދި މިހާރު ނޫހާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފައި، ސާބިތު ނުހިފޭ ހަބަރުތައް ގެނެސްދިނުމުން،" ޔާސިރު ވިދާޅުވިއެވެ.

އާރުޑީސީގެ ފައިނޭންޝިއަލް ޕޮލިސީތައް 2020 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުން އަންނަނީ އެކައުންޓިން ދާއިރާގެ އެންމެ މަތީ ސްޓޭންޑާޑުގައި ކަމަށާއި ކަމާގުޅޭ ހުރިހާ އޮޑިޓެއްވެސް ކޮށްފައިވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި ފައިސާގެ މުއާމަލާތްތަކާ ގުޅިގެން އޮޑިޓުގައި އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ ކުންފުނީގެ ސީއެފްއޯގެ ހައިސިއްޔަތުންވެސް ބޭންކުގައި ހުންނަ ފައިސާގެ މުއާމަލާތްތައް ކުރުމުގެ ހުއްދަ ލިބިގެންނުވާ ކަމަށާއި އެފަދަ މުއާމަލާތްތައް ކުރަނީ އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފުން ކަމަށެވެ. އަދި އާރުޑީސީގެ ހުރިހާ ކަމެއް ކުރިއަށްގެންދަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ފާއިތުވި ތިން އަހަރު އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމާވެފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވަން،" ޔާސިރު ވިދާޅުވިއެވެ.

އާރުޑީސީއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ބުނެފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންގެވުމަށް އެ މައްސަލަ ތަހުގީގުކުރުން ހުއްޓާލި ކަމަށްބުނެ "ދިޔަރެސް" ނޫހުން ޝާއިއުކުރި ހަބަރެއް ވެސް ފުލުހުން ވަނީ މިމަހުގެ 12 ވަނަ ދުވަހު ދޮގުކޮށްފައެވެ.