ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާގައި، ހެކިބަސް ދޭން ބޭނުންނުވާ ކަމަށް، އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާން) އާއި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފްގެ ހެކިބަސް ނުނެދުމަށް ދައުލަތުން ނިންމައިފިއެވެ.

އެ ބޭފުޅުންގެ ހެކިބަސް ނުނަގަން ދައުލަތުން ނިންމީ، އެ މައްސަލައިގައި ހެހިބަސް ދޭން ބޭނުންނޫންކަމަށް ނިންމުމާ ގުޅިގެންނެވެ.

ސިޔާމާއި މައުރޫފަކީ، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. އެ މައްސަލައިގައި ހެކިބަސް ދޭން ބޭނުންނުވާ ކަމަަށް އެ ދެބޭފުޅުން ވިދާޅުވެފައި ވަނީ، ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއަކުންނެވެ.

އެ ސިޓީއާ ގުޅުިގެން، ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ގާޒީ އަލީ ނަދީމް އެ މީހުންގެ ހެކިބަސް ނަގަން ބޭނުންވޭތޯ ދައުލަތާ ސުވާލުކުރިއެވެ. ޖަވާބުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ މީހުންގެ ހެކިބަސް ނުނަގަން މިހާރު ދައުލަތުން ނިންމާފައިވާ ކަމަށެވެ.