މިމަހުގެ 20-27 އަށް މޮރިޝަސްގައި އޮންނަ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި ވާދަކުރަން ގައުމީ ބެޑްމިންޓަން ޓީމު ތައްޔާރުވެއްޖެއެވެ.

ބެޑްމިންޓަން ޓީމު އިއްޔެ މޮރިޝަސްއަށް ފުރާފައިވާ އިރު، ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ ފަހުކޮޅު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. ޓީމު އިއްޔެ މޮރިޝަސްއަށް ފުރާފައި ވަނީ ދެކުނު ކޮރެއާގެ ތަޖުރިބާކާރު ކޯޗެކާވެސް އެކުގައެވެ.

މޮރިޝަސް އިންޓަނޭޝަނަލް ޗެލެންޖަކީ އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކުގެ ގިނަ ކުޅުންތެރިންތަކެއްވެސް ވާދަކުރާ މުބާރާތެކެވެ. އެހެންކަމުން އެ މުބާރާތް ވެގެންދާނީ އައިއޯއައިޖީއަށް ރާއްޖޭގެ ފެންވަރު ދެނެގަނެވޭނެ މުބާރާތެކެވެ. ހާއްސަކޮށް އައިއޯއައިޖީގައި އާންމުކޮށް މެޑަލް ހޯދާ މޮރިޝަސް ފަދަ ގައުމުތަކުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެލުމަކީ ދިވެހި ކުޅުންތެރިންނަށް މެޑެއްޔަކަށް ކުރެވޭ އުންމީދު މިނެކިރައިލަން މުހިއްމު ފުރުސަތަކަށް ވާނެއެވެ.

އިއްޔެ ފުރި ޓީމުގައި ހިމެނޭ ފިރިިހެން ކުޅުންތެރިންނަކީ ހުސައިން ޒަޔާން ޝަހީދު ޒަކީ، ނިބާލް އަހުމަދު، އަހުމަދު ތޯއިފް، މުހައްމަދު އަޖުފާން ރަޝީދެވެ. އަންހެން ކުޅުންތެރިންނަކީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު، އާމިނަތު ނަބީހާ އަބްދުއްރައްޒާގު، އައިޝަތު އަފްނާން ރަޝީދު، މައިސާ ފަތުހުﷲ އިސްމާއިލް އަދި އާމިނަތު ޝަހުރުނާޒެވެ.

އައިއޯއައިޖީން މީގެ ކުރިންވެސް ރާއްޖޭގެ ބެޑްމިންޓަން ޓީމުން ކާމިޔާބީތަކެއް ހޯދާފައިވާ އިރު، މިފަހަރުގެވެސް އުންމީދަނީ އެއީ ކަމަށް ކުޅުންތެރިން ވަނީ ބުނެފައެވެ. ހާއްސަކޮށް މިހާރު އޮތް ސްކޮޑާއެކު މެޑަލް ގެނެވޭނެ ކަމުގެ ބޮޑު ޔަގީންކަން އެބައޮތް ކަމަށްވެސް ކުޅުންތެރިން ވަނީ ބުނެފައެވެ.