މަނީލޯންޑަރިންއާއި ރިޝްވަތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްސަލަ ނިމެންދެން ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އެކަމަށް ގޮވާލައި އެ ކޯލިޝަން ހިންގެވުމާ މި ވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެ މައްސަލަ ވަނީ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފައެވެ. ވަކިވަރަކަށް މައްސަލައިގެ އަޑިއެހުންތަށް ކުރިއަށް ގެންދިޔަ ނަމަވެސް ފަނޑިޔާރުން ޗުއްޓީ ނެންގެވުމާ ގުޅިގެން މި ވަގުތަށް ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ އޮތީ ހުއްޓިފައެވެ.

ހައިކޯޓުގައި އާރަށުގެ މައްސަލަ ކުރިއަށްދާއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއްވެސް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ކުރިއަށް އެބަދެއެވެ. އެ މައްސަލައިގެ އަޑުއެހުމަށް މިއަދު ބޭއްވުމަށްވެސް ވަނީ ތާވަލުކޮށްފައެވެ.

ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ/ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާއިރު، ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ.

ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، ގާނޫނު ބުނާ ގޮތުން ރައީސް ޔާމީނަށް މިހާރު އިއްވާފައިވާ ހުކުމާ ގުޅިގެން އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ އެ މައްސަލައިގެ އިސްތުނާފު ހައިކޯޓުން ނިމިގެންދާއިރު ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލައި، އެކަމަށް 14 ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނުން ދޭއިރު، ރައީސް ޔާމީންގެ އިސްތިއުނާފު ނުނިމޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.