މިއަދުގެ މި ޖީލުގެ މި ބިމުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ވެރިކަމަށް ކުފޫ ހަމަވާ ކެންޑިޑޭޓެއް ނުނެރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގެ ތެރެއިން މ. ދިއްގަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުންނަށް އިހުލާސްތެރި ވެރިއަކަށް ހުންނެވީ ހަމައެކަނި ރައީސް ސޯލިހު ކަމަށެވެ.

"ދިވެހި ދައުލަތުގެ މުއާތިނުންނަށް އިހުލާސްތެރިކަމާއި އޯގާތެރިކަމާއި ހެޔޮ ވެރިކަމެއް ކޮށްދޭނެ އެއްވެސް ކެންޑިޑޭޓެއް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ނޫނީ، އެކަމަށް ކުފޫ ހަމަވާ އެއްވެސް ކެންޑިޑޭޓެއް މިއަދުގެ މި ޖީލުގައި ނެތް. މިއަދުގެ މި ޖީލުގެ މި ބިމުން މިއަށްވުރެ ކުފޫ ހަމަވާ ކެންޑިޑޭޓެއް ނުނެރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ އިތުރުން ގިނަ ސިޔާސީ ބޭފުޅުންނާއެކު މަސައްކަތްކުރެވިއްޖެ ކަމަށާއި އެ ހުރިހާ ބޭފުޅުންނާއެކު ކުރެވުނު ތަޖުރިބާ އާއި ކުރެވުނު މަސައްކަތުން އެންމެ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ރައްޔިތުންނަށް އޯގާވެރިކަމާއެކު ވެރިކަން ކުރެއްވޭނެ ބޭފުޅަކަށް ހުންނެވީ ހަމައެކަނި ރައީސް ސޯލިހު ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ މި ދައްކަނީ ވަރަށް ގިނަ ދުވަހު ރައީސާއެކުގައި، ގާތްގަނޑަކަށް 2015 އިން ފެށިގެން ވަރަށް ކައިރިން މަސައްކަތް ކުރެވިއްޖެ. އަޅުގަނޑަށް އެންމެ މަދުން މަސައްކަތްކުރެވުނީ ރައީސް މައުމޫނާއެކު. އެހެންނަމަވެސް ރައީސް މައުމޫން ވަރަށް ކައިރިން ދުށިން. އެންމެ ކައިރިން ފެނުނީ ޖަލުން. ރައީސް ނަޝީދާ ބައެއް ފަހަރު ހިޔާލު ތަފާތުވިއެއް ކަމަކު ވަރަށް ކައިރިން މަސައްކަތްކުރިން. ގާސިމް އިބްރާހީމަށް ދެ އިންތިހާބުގައި ތާއީދުކޮށްގެން ވަރަށް ގާތުގައި ހުރިން. ކާނަލް ނާޒިމާ އެކުގައި ގާތްގަނޑަކަށް ދެ އަހަރާއި ބައި ވަންދެން އެއްކޮށް ޖަލުގައި ހުރިން. އުމަރު ނަސީރާ އެކުގައި ވަރަށް ގިނަ މުޒާހަރާ ކުރިން،" ސިޔާސީ މަސައްކަތާ ގުޅޭގޮތުން އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ދިއްގަރުގައި މުޒާހަރާކޮށް، ވާދަވެރިން ދެއްކި މަންޒަރަކީ މިހާރުގެ ހާލަތާ އެއްގޮތަކަށް ވެސް މުނާސަބު ހާލަތެއް ނޫން ކަމަށާއި އެ ހާލަތު މިހާރު މާޒީވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގައި އެކަން އިތުރަށް ސާބިތުކޮށްދީ، އަމާން ރާއްޖެއަކަށް މި ރާއްޖެ ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.