ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ ގުޅިގެން ހިފަހައްޓައިފައިވާ މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް ކުރި އަމުރު ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން މަންޑޭގެ ޕަސްޕޯޓޫ ދޫކޮށްލުމަށް އަމުރުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ އަމުރު އިސްތިއުނާފަށް ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރުމުން، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ފަސްވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި މިމަހުގެ ހަވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ މަންޑޭގެ ހައްޔަރުގައި ހުރުމުން އޭނާގެ ޕާސްޕޯޓް ދޫކޮށްލި އަމުރު މިހާރު އިސްތިއުނާފު ކުރުމުގެ މާބޮޑު ބޭނުމެއް ނެތް ކަަމަށެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓުގެ ހިއްސާއެވެ.
ހަންބޯއިން އިން ވަނީ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން މަންޑޭ ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު