ލ. ގަމުގައި ސަރުކާރުން ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލާއި، ގދ. ގައްދޫގައި ތަރައްގީކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަމަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މަސަައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.

އަތޮޅުތަކުގެ ސިއްހީ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ގަމާއި ގައްދޫގައި ގާއިމުކުރާ މި ދެ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕެއިންގެ ކުންފުންޏެއްކަމަށްވާ ހޮމްޓް އެސްޕަނިއާ އިންނެވެ. މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އެކުންފުންޏާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލު ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން މި ދެ ރަށުގައި މަސައްކަތް ފެށުމަށްޓަކައި އޮގަސްޓްމަހުގެ ދެވަނަ ހަފުތާ ނިމުމުގެ ކުރިން ދެ ރަށުގައިވެސް ސައިޓް މޮބިލައިޒްކޮށް މަސައްކަތަށް ބޭނުންވާ ސާމާނު ގެންދާނެކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގަމުގައި ތަރައްގީކުރާ 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ގާތްގަނޑަކަށް 492.35 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ގައްދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތަށް 226.50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ދެ ހޮސްޕިޓަލުގެ މަސައްކަތް ހޮމްޓް އެސްޕަނިއާ ހަވާލުކުރީ 79,050,022,60 ޔޫރޯ އަށެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހަމަޖައްސާފައިވަނީ ޑޮއިޗާ ބޭންކުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލުގައި ސްޓާފް އެކޮމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދައި މުވައްޒަފުން ތަމްރީނުވެސް ކުރަން ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ގަމު ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ 36 މަސް ދުވަހުގެ މުއްދަތަކެވެ. އަދި ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 30 މަސްދުވަހުން ނިންމާގޮތަށެވެ.