ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އަޔެކްސްއަށް ކުޅުނު ލެޖެންޑަރީ ގޯލްކީޕަރު އެޑްވިން ވެން ޑަ ސާއަށް އަށް ފަރުވާދެމުންދިޔަ ކްރޮއޭޝިއާ ހޮސްޕިޓަލުން، ނެދަލޭންޑްސްގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ.

ކްރޮއޭޝިއާއަށް ޗުއްޓީއަށް ގޮސް އުޅެނިކޮށް، ވެން ޑަ ސާއަށް ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅުނީ މިމަހުގެ ކުރީކޮޅުގައެވެ. އުމުރުން 52 އަހަރުގެ ވެން ޑަ ސާއަށް ސިއްހީގޮތުން ނުރައްކާތެރި ހާލަތަކާ ކުރިމަތިވެފައި ވަނީ ކުއްލި ގޮތަކަށެވެ. އެ ހާލަތާ ގުޅިގެން އޭނާއަށް ކްރޮއޭޝިއާގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އިއްޔެއާއި ހަމައަށްވެސް އޮތީ އައިސީޔޫގައެވެ. ވެން ޑަ ސާގެ ހާލަތު މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ނަމަވެސް، ނެދަލޭންޑްސްއަށް ގެންގޮސް އަދިވެސް ބާއްވާނީ އައިސީޔޫގައެވެ.

ވެން ޑަ ސާގެ ހާލަތާ ގުޅޭ ގޮތުން އޭނާގެ އަންހެނުން އަނެމާރިއާ ވެން ކެސްޓެރެންއާ ހަވާލާ ދީ އަޔެކްސްއިން ނެރުނު ބަޔާނެއްގައި ބުނީ ސީރިއަސް ނޫން ކަމަށާއި، މިހާރު ވާހަކަވެސް ދެކެވޭ ކަމަށެވެ. މިހާރު ނެދަލޭންޑްސްގެ ޔުނިވަސިޓީ ހޮސްޕިޓަލުގައި ވެން ޑަ ސާގެ އިތުރު ޓެސްޓްތައް ހަދައި، ފަރުވާ ދޭން ފަށާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވެން ޑަ ސާއަކީ ނެދަލޭންޑްސްގެ ތާރީހު ދުށް އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ގައުމީ ޓީމަށް 130 މެޗު ކުޅެދީފައިވާ އިރު، އޭނާ ވަނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއެކު ގިނަ މެޗުތަކެއްވެސް ކުޅެ، ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ކްލަބަށް 266 މެޗު ކުޅެ، ވެން ޑަ ސާ ވަނީ ހަތަރު ފަހަރު ލީގު ކާމިޔާބުކޮށް، 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

އަޔެކްސްގެ ގޯލްކީޕަރެއްގެ ގޮތުގައިވެސް ކެރިއަރުގެ ކުރީކޮޅުގެ ގިނަ ދުވަސްތަކެއް ހޭދަކުރި ވެން ޑަ ސާ، 2011 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށްލި ފަހުން ރިޓަޔާމަންޓް އިއުލާނުކުރިއެވެ. އެފަހުން އޭނާ ފެނުނީ ފުޓުބޯޅަ ހިންގުމުގައެވެ.

އެގޮތުން 2012 ވަނަ އަހަރު އަޔެކްސްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެން ޑަ ސާ މަސައްކަތް ފަށައި، 2016 ވަނަ އަހަރު އެ ކްލަބުގެ ސީއީއޯގެ މަގާމާ ހަވާލުވިއެވެ. ކްލަބުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހު ވެން ޑަ ސާ އެ މަގާމު ދޫކޮށްލީ މިދިޔަ ސީޒަނަށްފަހުއެވެ.

ވެން ޑަ ސާ މަގާމު ދޫކޮށްލީ 2009 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ކްލަބަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި، ލީގުގެ ތިންވަނައިގައި ނިންމާލަން ޖެހުމުންނެވެ.