އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އެހެން ކެންޑިޑޭޓުންނަށްވުރެެ މާ ކުރީގައި ކަމަށާއި އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނު އަތެއް ނުވާނެ ކަމަށް، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ސޯލިހަކީ ކެތްތެރި، މަޑުމައިތިރި އަދި އަޚްލާގު ހެޔޮ ވެރިއެއް ކަމަށާއި އެމަނިކުފާނަކީ ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނާ އެކުވެސް ގުޅިގެން ކުރިއަށްދާން ވިސްނުން ގެންގުޅޭ ބޭފުޅެއްް ކަމަށެވެ.

އިމްރާންގެ މި ވާހަކަ އަމާޒުކުރެއްވީ މުލަކުން ރައީސަށް މަރުހަބާ ދެންނެވުމުގެ ތެރޭގައި އެރަށުން ބަޔަކު އެމަނިކުފާނަށް ފުރައްސާރަކޮށް އަވަގުރާނަ ގޮވަމުން ދިޔައިރު ރައީސް ކަންތައް ކުރެއްވި ގޮތުގެ މައްޗަށެވެ. އެގޮތުން އެތައް އިރެއްވަންދެން ރައީސަށް އަމާޒުކޮށް ހަޑިހުތުރު ބަސްތައް ގޮވަމުން ދިޔަ މީހުންގެ ހުުތުރު ބަސްތައް އަޑުއެއްސެވުމަށްފަހުވެސް އެ ފަރާތްތަކަށް ރައީސް ދެއްވީ ދިމާވެގެން އުޅޭ މައްސަލަތަކަށް ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ ދައުވަތެކެވެ.

ރައީސްގެ އެ އޯގާތެރި އަމަލު ފާހަގަކުރައްވައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ ކޮވިޑުގެ ކުރިންނާއި އަދި ކޮވިޑާއެކު ރާއްޖެއަށް ދިމާވި ހުރިހާ ދައްޗަކުން ގައުމުގެ އިގްތިސާދު ސަލާމަތްކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުން އުފާވެރި އަމާން ރާއްޖެއަކަށް ގެންދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށެވެ. އަދި ރައީސް ސޯލިހަކީ އެ މަނިކުފާނުގެ ވައުދު ތަކުގެ ތެރޭގައި ނުހިމެނުކަމުގައި ވިޔަސް ރައްޔިތުންނަށް ފައިދާހުރި މަޝްރޫއުތައް ހިންގަވާ ބޭފުޅެއް ކަމަށާއި އެކަން ކޮޅުފުށްޓަށް ބަލައިލުމުންވެސް އެނގިގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ރައީސް ވައުދު ކުރައްވާނެ ކަމެއް ނެތްތާ! ކުރައްވާ ވައުދަށްވުރެ މާގިނައިން އިތުރުވެގެން ފުރިހަމަވެގެން މި އަންނަނީ. ރައީސަށް އެނގިވަޑައިގަންނަވާ އެންމެ ފުރަތަމަ ފަށައިގަންނަންވީ ހިސާބު." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކެމްޕެއިން ދަތުރުތަކުގައި ރައީސް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތަކާއި ކުރިއަށްދާ މަޝްރޫއުތަކާއި ކުރިއަށްގެންދަން ގަސްދުކުރައްވާ މަޝްރޫއުތަކުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދެއްވަމުން ގެންދަވާ ކަމަށާއި މި ކަންތައް ތަކަށް ބަލައި ރައީސް ސޯލިހު ހުންނެވީ އެހެން ކެންޑިޑޭޓުންނަށްވުރެ މާކުރީގައި ކަމަށެވެ.

"ރާއްޖެއަށް ގެންނަވަން ތި އުޅުއްވާ ބޮޑު ބަދަލުގެ ވާހަކަ ވިދާޅުވެ ދެއްވާ. ރާއްޖޭގެ އިގްތިސާދު ދެ ގުނަ ކުރައްވާނެ ކަމަށް ވިދާޅުވެ ދެއްވާ. މިހުރިހާ ވާހަކައެއް ރައްޔިތުންނާ ހިއްސާ ކުރެއްވީމަ ރައީސް ތި ހުންނެވީ އެހެން ކެންޑިޑޭޓުންނަށްވުރެ މާ ކުރީގަ. ދެން އެއްވެސް ކެންޑިޑޭޓަކަށް ރައީސް އާ އަރައި ހަމަނުކުރެވޭނެ" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ފަހަތުން އަރައި ރައީސް ސޯލިހު އާ ވާދަކޮށް ވައުދު ފުއްދޭނެ އަދި ވައުދު ފުއްދަން އެގޭ ކެންޑިޑޭޓެއްވެސް ނެތް ކަމަށެވެ.