ސަރުކާރުން ގެންނަމުންދާ ތަރައްގީއާއެކު އުތުރުގެ ރަށްތަކުގެ ބިމުގެ އަގު މައްޗަށް ގޮސްފައިވާ ކަމަށާއި އައްޑޫ ސިޓީއަށް އަންނަ ތަރައްގީއާއެކު އެ ސިޓީގެ ރައްޔިތުން ތިބީ ރަނގަޅު މުސްތަގުބަލަކަށް އުންމީދުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މ. މުލަކުގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރާއި މެދުރާއްޖެ އަދި ދެކުނަށް ވެސް އެދަނީ ތަރައްގީއާއެކު ހެޔޮ ބަދަލުތަކެއް އަންނަމުން ކަމަށާއި އެގޮތުން ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ފަށައި، އެއާޕޯޓުތަކެއް ހުޅުވިފައިވާ ކަމަށެވެ.
"އެންމެ އުތުރުން ބެލިކަމުގައިވިޔަސް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެގެންދާ އިރުގައި، ބޮޑުތިލަދުންމައްޗަށާއި މުޅި އުތުރަށް ބޮޑު ބަދަލެއް، ހެޔޮ ބަދަލެއް އަންނަމުން އެދަނީ. ހަނިމާދޫ ބިމުގެ އަގު މަތިވެއްޖެ، ވަށަވަރު ބިމުގެ އަގު އުފުލިއްޖެ، ނޮޅިވަރަމާއި ނޮޅިވަރަންފަރުގެ ވެސް ބިމުގެ އަގު އުފުލިއްޖެ، ރައްޔިތުންނަށް އުންމީދެއް ލިބިއްޖެ. އެންމެ ދެކުނުން އައްޑޫއަށް އެ އަންނަ ބޮޑު ބަދަލާ އެކީގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ތިބީ ރަނގަޅު މުސްތަގުބަލަކަށް އުންމީދުކޮށްކޮށް. ރަނގަޅު ބަދަލެއް އަންނަކަން އިހުސާސްކުރެވިއްޖެ. ތައްޔާރުވަމުން އެ ދަނީ މުޅި އައްޑޫ ސިޓީއަށް ތަރައްގީގެ ބަދަލުތަކެއް ގެނައުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ވިސްނުންތަކަކާއި ޕްލޭތަކެއް އެބަހުރި ކަމަށާއި ސަރުކާރުން ބޭނުންވަނީ އެކަމަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އިތުރުން މާލެ ސިޓީ ވަށައިގެން ތަރައްގީވަމުން އެ އަންނަނީ ބޮޑެތި ބޮޑެތި ބަދަލުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހޯރަފުށީގައި އެއާޕޯޓެއް އެޅިއްޖެ، ފަރެސްމާތޮޑާގައި އެއާޕޯޓް ހުޅުވިއްޖެ، މުލީގެ އެއާޕޯޓް ނިމެމުން އެ ދަނީ، ތުޅާދޫ އާއި ބެލެތްފައްސާއި ވިލުފުށީގައި އެއާޕޯޓް އެޅުމަށް އެ ދަނީ ތައްޔާރުވަމުން. މިއީ އަޅުގަނޑުމެން މި ފެށި މަސައްކަތް. 2018 ވަނަ އަހަރު ތިބޭފުޅުންނާ އަޅުގަނޑުމެން ކުރިމަތިލީން، ބައްދަލުކުރިން. އެ ދުވަހު އަޅުގަނޑުމެން އައީ ޖަޒީރާ ރާއްޖެއެއްގެ ތަސައްވަރާއެކު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2018ގެ ޖަޒީރާ ރާއްޖޭގެ ތަސަައްވަރަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި، އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، މުޅި ރާއްޖެ އެކީގައި ތަރައްގީކުރުން ކަމަށާއި ބޭނުމަކީ ރާއްޖެއަށް ބޮޑު ބަދަލެއް، ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު