މ. އަތޮޅު މަސްވެރިންނަށް އެދޭގޮތަށް މިފްކޯގެ މަސް ބޯޓެއް މި ސަރަހައްދުގައި ބާއްވަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މ. މުލަކުގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުލަކަކީ މަސްވެރި ރަށެއް ކަމަށާއި އެ ރަށުގައި މިފްކޯގެ މަސް ކަލެކްޓިން ސެންޓަރެއް ހަދަން ވިސްނާފައިވާނެ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ބަނދަރު ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައި އެއޮތީ. ދެން އޮތީ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުން. އިރާދަކުރެއްވިއްޔާ މިހާރު އެކަން ވެސް ވަނީ ޓެންޑާ ކުރެވިފައި. ކުރިއަށްއޮތް ތަނުގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭވަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އަދި އެކަން ނިމެންދެން މަސްވެރިން އެދުނުގޮތަށް މި ސަރަހައްދުން މަސްގަނެވޭނެ ކަލެކްޓިން ވެސަލްއެއް ބޭއްވުމުގެ މަސައްކަތް އަޅުގަނޑު ފަށާނަން. މިފްކޯއަށް އަލަށް އެ ގެންނަ ތިން ބޯޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެއް ބޯޓު އަޅުގަނޑުމެން ބާއްވާނީ މި ސަރަހައްދުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލަކުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށާއި އެގޮތުން އެ ރަށުގެ ރައްޔިތުން ބޭނުންވާ އޭޓީއެމް ބެހެއްޓުމަށްޓަކައި އެންމެ އަވަހަށް އޭޓީއެމް ބަހައްޓާ ރަށްތަކުގެ ތެރޭގައި މުލަކު ހިމެނިގެންދާނެ ކަމަށެވެ. އަދި މުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ހުރިހާ މަގެއް ވެސް ހަދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތް ތިބޭފުޅުންނަށް ލިބޭގޮތް އަޅުގަނޑުމެން ހަދައިދޭނަން. މުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރުގައި މިހާރު އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތީ އިތުރަށް ނުހެދި ހުރި މަގުތައް ވެސް މީގެ ތެރެއަށް ހިމަނައިގެން މުޅި ރަށުގެ ހުރިހާ މަގުތަކެއް ހަދައި ނިންމައިދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މުލަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ވެސް ބޭނުންވާ ކަމަށާއި ކުރިއަށްއޮތް ދައުރުގެ މެނިފެސްޓޯގައި މުލަކާއި އެ އަތޮޅު މުލީގެ ބޯހިޔާވަހިކަމުގެ ތަސައްވަރެއް އެބައޮތް ކަމަށެވެ. އަދި އެ ދެ ރަށުގެ ރައްޔިތުން އެދޭގޮތަށް މުލީގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު