މ. މުލަކުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ހުރިހާ މަގެއް ހަދައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުލަކުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން އެ ރަށުގެ ރައްޔިތުން ބޭނުންވާ އޭޓީއެމް ބެހެއްޓުމަށްޓަކައި އެންމެ އަވަހަށް އޭޓީއެމް ބަހައްޓާ ރަށްތަކުގެ ތެރޭގައި މުލަކު ހިމެނިގެންދާނެ ކަމަށެވެ. އަދި އެ އޭޓީއެމްގެ ހިދުމަތް މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރުގައި މިހާރު އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތީ އިތުރަށް ނުހެދި ހުރި މަގުތައް ވެސް މީގެ ތެރެއަށް ހިމަނައިގެން މުޅި ރަށުގެ ހުރިހާ މަގުތަކެއް ހަދައި ނިންމައިދިނުން. ބޯހިޔާވަހިކަން މި ރަށުގެ ރައްޔިތުންނަށް ބޭނުންވޭ. އަޅުގަނޑުމެންގެ ކުރިއަށް މިއޮތް މެނިފެސްޓޯގައި މި ރަށާއި މުލީގެ ބޯހިޔާވަހިކަމުގެ ތަސައްވަރެއް އެބައޮތް. އިރާދަކުރެއްވިއްޔާ މި ދެ ރަށުގެ ރައްޔިތުން އެދޭގޮތަށް މި ރަށުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުލަކަކީ މަސްވެރި ރަށެއް ކަމަށާއި އެ ރަށުގައި މިފްކޯގެ މަސް ކަލެކްޓިން ސެންޓަރެއް ހަދަން ވިސްނާފައިވާނެ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ބަނދަރު ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައި އެއޮތީ. ދެން އޮތީ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުން. އިރާދަކުރެއްވިއްޔާ މިހާރު އެކަން ވެސް ވަނީ ޓެންޑާ ކުރެވިފައި. ކުރިއަށްއޮތް ތަނުގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭވަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އަދި އެކަން ނިމެންދެން މަސްވެރިން އެދުނުގޮތަށް މި ސަރަހައްދުން މަސްގަނެވޭނެ ކަލެކްޓިން ވެސަލްއެއް ބޭއްވުމުގެ މަސައްކަތް އަޅުގަނޑު ފަށާނަން. މިފްކޯއަށް އަލަށް އެ ގެންނަ ތިން ބޯޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެއް ބޯޓު އަޅުގަނޑުމެން ބާއްވާނީ މި ސަރަހައްދުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މުލަކުގެ މަގުތައް ހެދުމާއި ބަނދަރު ބޮޑުކުރުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން މިހާރު މަޑުޖެހިފައި ހުރި މަސައްކަތްތައް ހަލުވިކޮށް ކުރިއަށްގެންދިއުމަށްޓަކައި ގިނަ ރޭވުންތަކެއް ރާވައިގެން ކުރިއަށްގެންދާ ކަމަށެވެ.