ދިވެހި ޕްރިމިއާ ލީގު

އީގަލްސްއިން ބޮޑު ތަފާތަކުން ސަސް ބަލިކޮށްފި

އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއިން މިއަދު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްއިން ސަސް ބަލިކުރީ 7-3 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ އީގަލްސްގެ ކޯޗުކަމާ މުހައްމަދު ޝިޔާޒް (މޯހަން)، އަލުން ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މޯހަން އީގަލްސްގެ ކޯޗުކަމާ ހަވާލުވީ އެ ކްލަބުން ސީޒަން ފެށި އިހުސާން އަބްދުލްޣަނީ (ސާންތި)ގެ ބަލި ހާލަތު ހުރި ގޮތުން މަސައްކަތައިގެން ކުރިއަށް ނުދެވުމުންނެވެ. މިއަދުގެ މޮޅާއެކު އީގަލްސް އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓާ އެކުގައެވެ.

އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ.

މިއަދުގެ މެޗު އީގަލްސްއިން ފެށީ ރަނގަޅު ފޯމެއްގައެވެ. އެޓޭކިން ރަނގަޅު ޓެމްޕޯއެއްގައި އެޓީމުން މެޗު ފެށި އިރު، ސަސް ފެނުނީ އުނދަގޫ ހާލަތެއްގައި އޮތްތަނެވެ. އެޓީމުން މިއަދުގެ މެޗަށް ޒުވާން ގޯލްކީޕަރު ހުސައިން މަހްދޫމް އިބްރާހީމް ނެރެފައިވާ އިރު، ގޯލުތަކުގައި އޭނާގެ ބައެއް ގޯސްތައްވެސް ފާހަގަވެގެން ދިޔައެވެ. މިއަދުގެ މެޗުގެ ހަވަނަ މިނެޓުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ޖެހި ގޯލުން އީގަލްސް ލީޑު ނެގިއެވެ. އަދި އޭގެ ފަހުން އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ޒައިން ޒަފަރުގެ ވަރުގަދަ އެޓޭކްތައް ފެނުނެވެ. އެ އެޓޭކްތައް ހުއްޓުވަން ސަސްގެ ޑިފެންސަށް ވަނީ އުނދަގޫވެފައެވެ.

ފުރަތަމަ ހާފުގައި އީގަލްސްއިން ފުލުފުލުގައި ގޯލުތައް ޖެހި އިރު، މެޗުގެ ފުރަތަމަ 38 މިނެޓް ތެރޭ އީގަލްސް ވަނީ ފަސް ގޯލުގެ ލީޑެއް ނަގައިފައެވެ. ފުރަތަމަ ގޯލަށްފަހު ދެން އަނެއް ގޯލުތައް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް، އިވާން ކާލޯސްއާއި ރިޒޭގެ އިތުރުން ފޭދޫ އިއްބެ އަދި ޒައިން ޒަފަރުއެވެ.

އީގަލްސްއިން ގިނަ ގޯލުތަކަކާއެކު ހަމަޖެހިލިތަން ފެނުނެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ދިން ވޯޓާ ބްރޭކަށްފަހު އެޓީމުގެ ފަހަތުން ކޮންމެވެސް ވަރެއްގެ ގޯސްތަކެއް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ސަސް އިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއެވެ. އެ ޓީމުގެ ގޯލުތައް ޖަހައިދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ) އާއި އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ސަސްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އައިހަމް އަހުމަދު (އައިހު) އާއި އަހުނަފް ރަޝީދު (އަހުއްކޮ) މިއަދު ހަވީރު ވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފައެވެ. އެހެންކަމުން މިއަދުގެ މެޗުގައި އެ ދެ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.

ކްލަބު މޯލްޑިވްސް ކަޕަކީ އޮފީސްތަކުގެ މުބާރާތަކަށްވުމާއެކު، ބައެއް ކުޅުންތެރިންނަށް އޮފީސްތަކަށް ކުޅުން އޮންނަނީ މަޖުބޫރުވެފައެވެ. އެހެންކަމުން ސާފަށްފަހު ލީގު އަލުން ފެށި އިރު، އެއީ ގިނަ ކްލަބުތަކަކަށް އޮތް ގޮންޖެހުމެކެވެ.

މެޗުގެ ދެވަނަ ހާފުވެސް ޕާސް ޖަހައި ކޮންޓްރޯލްކޮށްގެން ކުޅުނީ އީގަލްސްއިންނެވެ. މެޗު ފަސޭހަކޮށް އީގަލްސްއިން ކުޅެ ނިންމާލާފައިވާ އިރު، ދެވަނަ ހާފުގައި ޖެހި ގޯލުތައް ޖެހީ ރިޒޭ އާއި އިވާން ކާލޯސްއެވެ. ސަސްއިން މެޗުގައި ޖެހި ފަހު ގޯލު ޖެހީ ބަދަލަކަށް ނުކުތް އިބްރާހިމް އަތީގް ހަސަނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއެވެ.