ލިވަޕޫލްގެ މިޑްފީލްޑަރު، ކެޕްޓަން ޖޯޑަން ހެންޑަސަން އެ ކްލަބު ދޫކޮށް ސައުދީ އަރަބިއާގެ އަލް އެއްތިފާގަށް ދިޔުމަށް އެއްބަސްވެއްޖެއެވެ.

ހެންޑަސަން އެއްތިފާގަށް ދާން އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވާ އިރު، ދެން އޮތީ ލިވަޕޫލާއި އެއްތިފާގް އެއްބަސްވުމަކަށް އައުމެވެ. އެއީ އަގަކާ މެދުއެވެ. ހަބަރުތައް ބުނީ ހެންޑަސަން މިއަދު ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި، ހެންޑަސަން އެކަށީގެންވާ އަގަކަށް ސައުދީއަށް ދާން ކްލޮޕް ފެހި ސިގުނަލް ދީފައިވާ ކަމަށެވެ.

ސައުދީ ލީގުގެ ކްލަބުތަކުން ވަރުގަދަ ޓްރާންސްފާތަކެއް ކުރަމުން އަންނައިރު، އެއްތިފާގްގެ ކޯޗަކަށް ސްޓީވަން ޖެރާޑްވެސް ވަނީ ގެންގޮސްފައެވެ. ކުރިން ލިވަޕޫލަށް ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު ޖެރާޑް އެއްތިފާގަށް ގޮސް ޓްރާންސްފާތަކަށް މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ އެންމެ ބޮޑަށް ބޭނުންވާ އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރު ހެންޑަސަން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިންގްލެންޑްގެ މިޑްފީލްޑަރު ހެންޑަސަން މިހާތަނަށް ގައުމީ ޓީމަށް 77 މެޗު ކުޅެފައިވާ އިރު، އޭނާ އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ. ލިވަޕޫލަށް 2011 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ހެންޑަސަން ވަނީ ސަންޑަލެންޑަށްވެސް ކުޅެފައެވެ. އެ ފަހުން ލިވަޕޫލަށް ބަދަލުވެ، 360 މެޗު ހެންޑަސަން ކުޅެފައިވެއެވެ. އެ ކްލަބާއެކު އޭނާ ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށް، ދެފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ފީފާ ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.