އިނގިރޭސި ކްލަބު ލެސްޓާ ސިޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކަންދެން ސައުދީ އަރަބިއާ ކްލަބު އަލް ނަސްރަށް ޓްރާންސްފާ ނުކުރެވޭ ގޮތަށް، ފީފާއިން ޓްރާންސްފާ ބޭން ކޮށްފިއެވެ.
އަލް ނަސްރުން 2018 ވަނަ އަހަރު ލެސްޓާއިން އަހުމަދު މޫސާ ގެންގޮސްފައިވާ އިރު، ފީފާއިން މައްސަލަ ބެލީ އޭނާގެ ޕޭމަންޓްގެ ބާކީބައި އަލް ނަސްރުން ލެސްޓާއަށް ދީފައި ނުވާތީއެވެ. އެއީ ތިން ލައްކަ 90 ހާސް ޕައުންޑެވެ. ފީފާއިން އަންގާފައި ވަނީ އަލް ނަސްރަށް ކޮށްފައިވާ ޓްރާންސްފާ ބޭންއިން އެ ކްލަބު ސަލާމަތްވާނީ ލެސްޓާއަށް ދައްކަން ޖެހޭ އަހުމަދު މޫސާގެ އަގުގެ ބާކީ ދެއްކުމުން ކަމަށެވެ.
އަލް ނަސްރު އާންމުންގެ މަގުބޫލުކަމަށް އައީ މިދިޔަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިޔުމާއެކުގައެވެ. އޭގެ ފަހުން މި ޓްރާންސްފާ ސީޒަނުގައިވެސް އެ ކްލަބުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗްވެސް އެ ކްލަބަށް ގެންގޮސްފައިވެއެވެ. މިހާރު މަސައްކަތް ކުރަނީ ޗެލްސީގެ އަލްޖީރިއާ ވިންގް، ހަކީމް ޒިޔެޗް އެ ކްލަބަށް ގެންދާށެވެ.
އަލް ނަސްރުގެ އިތުރުން ސައުދީ ލީގުގެ އެހެން ގިނަ ކްލަބުތަކަކުންވެސް އަންނަނީ ބޮޑެތި ޓްރާންސްފާތަކެއް ކްލަބުންނެވެ. ސައުދީ ލީގަށް ފެންވަރު ރަނގަޅު ކުޅުންތެރިން ގެންދަން ސަރުކާރުގެ ޕަބްލިކް ފަންޑުން ކްލަބުތަކަކަށް ވަނީ އިންވެސްޓް ކޮށްފައެވެ. އޭގެ ތެރޭގައި އަލް ނަސްރުވެސް ހިމެނެއެވެ. އެހެންކަމުން ފީފާ ބޭން އިން ސަލާމަތްވާން ވަރަށް އަވަހަށް އަލް ނަސްރުން ފައިސާ ދައްކާނެ ކަމަށް ބެލެވެއެވެ.