ކ. މާފުށީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށްދިނުމުގެ ވައުދާއެކު އެ ރަށަށް އިތުރު ވައުދުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފިއެވެ.

ކ. މާފުށީގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާފުއްޓަށާއި ރާއްޖޭގެ އެކި ރަށްރަށަށް ވީ ވައުދުތަކުގެ 90 ޕަސަންޓް މަސައްކަތް މިހާރު ދަނީ ހިނގަމުން، ނޫނީ ހުރީ ނިމިފައި ކަމަށާއި ހާއްސަކޮށް ރިޔާސީ ވައުދުގެ ގޮތުގައި މާފުއްޓަށް ވީ ވައުދުތައް މިހާރު ގާތްގަނޑަކަށް ހުރިހާ މަސައްކަތެއްކޮށް، ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ރައީސް ވަނީ އިތުރަށް މާފުއްޓަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކުރައްވައިފައެވެ.

"އިރާދަކުރެއްވިއްޔާ ދެން މާފުށީގައި އަޅުގަނޑުމެން ފަށާނެ މަސައްކަތަކީ މާފުށީ ރައްޔިތުން އެ އެދޭ ގޮތަށް މާފުށީގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް. މި ބަނދަރު ނިމިގެންދާ އިރުގައި، މި ސަރަހައްދުގައި ރަނގަޅު ފެރީ ޓާމިނަލަކާއި އަރައިވަލް ޖެޓީއެއް މި ޒަމާނުގެ ފެންވަރަށް އިރާކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން. ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު އިރާދަކުރެއްވިއްޔާ ގާއިމުކޮށްދީ، އެ ތަނުގައި ގެދޮރު އިމާރާތްކުރަމުންދާ އިރު، އެ ވަސީލަތްތައް އެ ގޮރަށް ލިބޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. ކުރިންވެސް ދެންނެވި ފަދައިން މާފުށީ ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ހިދުމަތްތައް ލިބިގެންދާ ހޮސްޕިޓަލަކަށް އަޅުގަނޑުމެން ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާފުށީގައި ހުރެ، 2018 ގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ރަށަށް ބިން އިތުރުކުރުން ކަމަށާއި ކައުންސިލްގެ ފަރާތުން، ރައްޔިތުންގެ ފަރާތުން އެދުނު އެދުމަކީ އެއާ އެކީގައި ޕިކްނިކް އައިލެންޑެއް އިތުރުކުރުން ކަމަށެވެ. އަދި މާފުށީގެ ބިން އިތުރުކުރެވިގެން ދިޔަ އިރުގައި، އެ ރަށަށް ބޭނުންވާ ޕިކްނިކް އައިލެންޑް ވެސް އެ އޮތީ ނިމިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން އެދުނު ގޮތަށް އެ ބިން ކައުންސިލާ ހަވާލުކޮށް، އެ ބިމާއި މާފުއްޓާ ގުޅުވާލުމުގެ މަސައްކަތް މިހާރު އެ ދަނީ ކުރިއަށް. ބަނދަރު މައްސަލަ އެ ބޭފުޅުން އަޅުގަނޑަށް ހުށަހެޅުއްވި. މިއަދު ކައުންސިލަރު އެ ވިދާޅުވި ފަދައިން އަޅުގަނޑުގެ ކަނާތް ފަރާތުން އެ ފެންނަނީ މިހާރު މިއޮތް ބަނދަރަށްވުރެ އިތުރު ޖާގަ މި ބަނދަރަށް އިތުރުވެގެންދާ ތަން. އަޅުގަނޑު ހިތުން އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިމުމުން މި ރަށަށް ދިމާވެފައި އޮތް ބަނދަރުގެ ދަތިކަން މުޅިން ފިލައިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު، މާފުށީގެ ސިއްހީ މަރުކަޒަކީ ނަމެއްގައި ހުރި ތަނެއް ކަމަށާއި ބޭނުންވެފައި އޮތް އެތައް ހިދުމަތެއް އެ ތަނުން ލިބިފައިނުވާ ކަމަށެވެ. އަދި މިހާރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، އެތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.