އިއްޔެ ކުޅުނު ރިސޯޓު ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސީދާ ތިން ސެޓުން އަނަންތަރާ ކިހާވަށް ވިލާސް ބަލިކޮށް، ބަނޑޮސް އައިލެންޑް ރިސޯޓުން ތަށި ހޯދައިފިއެވެ.

އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުޅުނު ފައިނަލް މެޗުގައި ބަނޑޮހުން ސެޓުތައް ގެންދިޔައީ 25-20، 25-20، 25-21 އިންނެވެ. ވޭތުވެދިޔަ ތިން އަހަރުވެސް ރިސޯޓު ވޮލީ މުބާރާތް ބަނޑޮހުން ކާމިޔާބު ކޮށްފައިވާ އިރު، މިއީ އެޓީމުން ޖެހިޖެހިގެން ރިސޯޓު މުބާރާތް ނެގި ހަތަރު ވަނަ ފަހަރެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑޮހުގެ ސްރީލަންކާ ކުޅުންތެރިޔާ ކަވިޝްކާ މަދުޝަންކާއެވެ. ބަނޑޮސް، މިފަހަރު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އަނެއްކޮޅުން އިއްޔެގެ ފައިނަލުގައި ނުކުތް އަނަންތަރާއަށް ގުރޫޕް ސްޓޭޖުގެ ތިންވަނައަށް ދިޔަ އިރު، އެޓީމު ފައިނަލަށް ދިޔައީ އެ ގްރޫޕްގެ ދެވަނަ ހޯދި ވައްކަރު މޯލްޑިވްސްގެ މައްޗަށް ސެމީ ފައިނަލުގައި ކުރި ހޯދައިގެންނެވެ.