ކ. ގުޅީ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެމްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަށް ރައީސް މިއަދު ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ ކ. ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ވިދާޅުވީ، ގުޅިއަކީ މާލެއާ ކައިރީގައި އޮތް ރަށެއް ނަމަވެސް އާބާދީ މަދުކަމުން މީގެ ކުރީ ސަރުކާރުތަކުން އަޅައި ނުލައި ދޫކޮށްލާފައިވާ ރަށެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން އައި އިރު، ގުޅީގެ ރައްޔިތުން ތިބީ އެތައް އަސާސީ ކަމަކުން މަހުރޫމްވެފައި ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް އޭރު ނެތް ކަމަށާއި ނަމަވެސް މިއަދު ގުޅީގެ ފެނަކީ ބޯން ކަމުދާ ފެން ކަމުގައި ވިދާޅުވިއެވެ.

މާލެއިން ފުރައިގެން ލޯންޗެއްގައި ވިއްސަކަށް މިނެޓުން ދެވޭ ދުރުމިނުގައި އޮތް ގުޅިއަކީ، ލޯކަލް ޓޫރިޒަމް ފުޅާވެ ފައްކާވަމުން އަންނަ ރަށެވެ. ރަށުގެ ބިން އޮތީ ފުރި ބާރުވެފައެވެ. އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިމުގެ ދަތިކަމެވެ.

އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ގުޅީގެ 10.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއަކީ 82.99 ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ބެޑް ޕްރިޕަރޭޝަން މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

"އިރާދަކުރެއްވިއްޔާ އެ މަސައްކަތް (ބިން ހިއްކުން) މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފައި، އެމްޓީސީސީއާ ހަވާލުކުރެވިފައި. ތިބޭފުޅުން މިއަދު އެދިވަޑައިގަތީ އެ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައިތޯ؟ އިރާދަކުރެއްވިއްޔާ މި ރަށުގެ މަސައްކަތް އަމަލީ ގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށިގެން ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުޅިއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެ މަސައްކަތް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އަދި ގުޅިއަކީ އޭޓީއެމް އެންމެ ފުރަތަމަ ބެހެއްޓޭ ރަށަކަށްވާނެ ކަމަށާއި ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ވިދާޅުވިއެވެ.

ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ގުޅިއަށް ކޮށްދެއްވާނެ ކަންކަން އިއުލާނުކުރައްވަމުން ރައީސް ވަނީ ދެވަނަ ދައުރެއްގައި ގުޅީގެ ބަނދަރު ތަރައްގީކޮށް އެރަށު ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.