ސްޕެއިން ގައުމީ ޓީމުގެ ސެންޓަ ބެކް، ޕައު ޓޮރެސްގެ ސޮއި ހޯދިކަން އެސްޓޮން ވިލާއިން އިއުލާނު ކުރި އިރު، ފުލްހަމްގެ ފޯވަޑް އެލެކްސެންޑްރާ މިޓްރޮވިޗް ހޯދުމަށް ސައުދީ ލީގުގެ އަލް-ހިލާލުން ކުރި ބިޑަށް ފުލްހަމްއިން ނޫނެކޭ ބުނެފިއެވެ.

ޓްރާންސްފާ ބާޒާރުގެ މަސައްކަތްތަކުގައި ކްލަބުތަކުން ހަލަބޮލިވެފައިވާ އިރު، ވިލާއިން ގެންދިޔަ ޑިފެންޑަރު ޓޮރެސްއަކީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުންވެސް މީގެ ކުރިން ގެންދަން މަސައްކަތް ކުރި ކުޅުންތެރިއެކެވެ. އުމުރުން 26 އަހަރުގެ ޓޮރެސް ވިލަރެއާލުން ވިލާއަށް ބަދަލުވި އަގު ވަނީ ސިއްރުކޮށްފައެވެ.

ޓޮރެސްއަކީ މީގެ ކުރިން 2020 ވަނަ އަހަރުން 2023 ވަނަ އަހަރާ ދެމެދު މިހާރު ވިލާގެ ކޯޗު އުނައި އެމެރީގެ ކޯޗުކަމުގެ ދަށުގައި ވިލަރެއާލްއަށް ކުޅުނު ކުޅުންތެރިއެކެވެ. ޓޮރެސް ހަގު އުމުރުގައި ވިލަރެއާލްގެ އެކަޑެމީއަށް ގުޅުނީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން ކްލަބަށް 173 މެޗު ކުޅެދީފައިވާ އިރު، ގައުމީ ޓީމަށްވެސް 23 މެޗު ކުޅެފައިވެއެވެ.

ވިލަރެއާލްގެ ޒުވާން ޓީމުތަކަށްވެސް ކުޅުނު ޓޮރެސް 2016 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފަށާފައިވާ އިރު، އޭނާއަކީ ފަހަކަށް އައިސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. 2021 ވަނަ އަހަރު ވިލާގެ މިހާރުގެ ކޯޗު އެމެރީއާއެކު ވިލަރެއާލުން ޔޫރޮޕާ ނެގި ޓީމުގެ ތަރިއަކީވެސް އޭނާއެވެ.

ޓްރާންސްފާ މާކެޓްގައި އެންމެ ހަލަބޮލިކޮށް ފެންނަ ސައުދީ ލީގުގެ ޓީމުތަކުން އިނގިރޭސި ލީގުގެ އިތުރު ކުޅުންތެރިންނަށް އަދިވެސް މަސައްކަތް ކުރަމުންދާ އިރު، އުމުރުން 28 އަހަރުގެ ސާބިއާ ފޯވަޑް މިޓްރޮވިޗް ހޯދަން ކުރި 25 މިލިއަން ޕައުންޑްގެ ބިޑަށް ފުލްހަމްއިން ވަނީ ނޫނެކާ ބުނެފައެވެ.

އުމުރުން 28 އަހަރުގެ މިޓްރޮވިޗް ފުލްހަމްއާ ގުޅުނީ 2018 ވަނަ އަހަރު 22 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާގެ އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އޮތް އިރު، ބީބީސީ ސްޕޯޓްސްއިން ބުނީ ހިލާލްގެ ބިޑަށް ފުލްހަމުން އެއްވެސް ވަރަކަށް ވިސްނައި ނުލައި، މިޓްރޮވިޗާ ވާހަކަވެސް ނުދައްކާ ނޫނެކޭ ބުނި ކަމަށެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި މިޓްރޮވިޗް 14 ގޯލު ޖަހާފައިވާ އިރު، އޭގެ ކުރީ ސީޒަނުގައި ފުލްހަމްއާއެކު ދެވަނަ ޑިވިޝަން ކާމިޔާބުކޮށް، ގޯލު ރެކޯޑުވެސް މިޓްރޮވިޗް މުގުރާލިއެވެ. އެއީ 44 މެޗުން 43 ގޯލު ޖަހައިގެންނެވެ.

މިދިޔަ ސީޒަނުގައި ރެފްރީ ކްރިސް ކަވަނާގް ކޮއްޕާލި މައްސަލައެއްގައި މިޓްރޮވިޗަށް ވަނީ އަށް މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައެވެ.